އިސްލާމީ ހަރުކަށި ފިކުރަށް ތާއީދު ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތް ވަރަށް ބާރު ގަދަ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަސްކަރީ ހިދުމަތްތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕެންޓަގަންގެ އަންޑަސެކެޓްރީ ފޯ ޑިފެންސް ޕޮލިސީ ކޮލިން ކާލް ވިދާޅުވީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކައިރި މުސްތަގުބަލެއްގައި އެ ގައުމަށް އަމަލާއެއް ދެވޭވަރުގެ ގާބިލްކަން ހުރީ އައިއެސް ޖަމާއަތުގަ އެވެ. ބާރު ގަދަ މިންވަރަކީ މިހާރުވެސް ނުވަތަ ހަމަސް ތެރޭގައިިވެސް އެމީހުން ބޭނުން ވެއްޖެ ނަމަ އެމެރިކާއަށް ހަމަލާއެއް ދިނުމުގެ ގާބިލްކަން ހުރުން ކަމަށް ވިދާޅުވި އެވެ.
ކޮލިން ވިދާޅުވީ އެމެރިކާއިން ޓެރަރިސްޓު ޖަމާއަތުގެ ގޮތުގައި ކަނޑައަޅާފައިވާ އަލްގައިދާ އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. އެމީހުންނަށް އަފްގާނިސްތާނުން ބޭރުވެވި އެމެރިކާއަށް ހަމަލާއެއް ދޭން މަދުވެގެން އެކެއް ނޫނީ ދެ އަހަރު ނަގާނެ ކަމަށެވެ.
އެކަމަކު އައިއެސްއަށް ތާއީދު ކުރާ މީހުން އަފްގާނުގައި ބާރު ގަދަ ކޮށްފައިވާ މިންވަރަށް އެކަނި ބަލާލުމުންވެސް އެ ޖަމާއަތުގެ ބަދަހިކަމާއި ވަރުގަދަކަން އެނގިގެންދާ ކަމަށް ވިދާޅުވި އެވެ. އެމެރިކާއަށް އެ ޖަމާއަތުން ހަމަލާން ދޭން އަފްގާނިސްތާނުގައި ތިބި މީހުން ބޭނުން ނުވާ ކަމަށާއި އެހެން ގައުމުތަކުގައިވެސް އެ ޖަމާއަތަށް ވަފާތެރި ހަމަލާއެއް ދޭން ފަސް ނުޖެހޭ މީހުން އެބަތި ކަމަށް ކޮލިން ވިދާޅުވި އެވެ.
އަފްގާނު ހިފައިގެން އުޅުމަށް ފަހު އެ ގައުމުން އެމެރިކާ ފޭބި ފަހުން އައިއެސްގެ ހަމަލާތައް ވަނީ ވަނީ މެކުހަށް ޖަހާފަ އެވެ. ޖާނުން ފިދާވެގެން އައިއެސްގެ ހަގުރާމަވެރިން އަފްގާނުގައި ހަމަލާތައް ދީ އެތައް ބަޔަކު މަރާލުމަށް ފަހު ކޮންމެ ފަހަރަކުވެސް ދަނީ ހަމަލާގެ ޒިންމާ ނަގަމުންނެވެ.
އަދި ބުނަނީ ތޯލިބާނުންނަށް އަފްގާނިސްތާނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭނެކަން އެ ޖަމާއަތުން ސާބިތުކޮށްދޭނެ ކަމަށެވެ. ތޯލިބާނުންގެ އެންމެ ވަރުގަދަ ހަތުރަކީ އައިއެސް ޖަމާއަތެވެ.
އައިއެސްގެ އަމާޒަކަށް ހަދާފައިވަނީ އަފްގާނުގެ ޝީއާ މުސްލިމުންނެވެ. މިހާތަނަށް ޖާނުންފިދާވެގެން ދީފައިވާ ހުރިހާ ހަމަލާތަކެއް ދީފައިވަނީ ޝީއާ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކާއި މިސްކިތްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް