އާރްޔަން މައްސަލައިގެ އަޑުއެހުންތަކާއި ހެދި ކޯވިޑް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށް ގާޒީ ބުނެފި!

ޑްރަގް މައްސަލައިގަ ހައްޔަރުކޮށްފަ ހުރި ޝާރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މުއްދަތު މަޖިލީސްތަކާއި ހެދި ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެއްޖެ އެވެ. މިމަހުގެ ތިން ވަނަ ދުވަހު ކްރޫޒް ލައިނާއެއްގައި އ...

27 Oct 2021 | 09:28

ޑްރަގް މައްސަލައިގަ ހައްޔަރުކޮށްފަ ހުރި ޝާރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މުއްދަތު މަޖިލީސްތަކާއި ހެދި ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ކްރޫޒް ލައިނާއެއްގައި އޮތް ޕާޓީއެއްގެ ތެރެއިން ހައްޔަރު ކުރި އާރްޔަންގެ ބަންދުގެ މުއްދަތު ތިން ފަހަރު ވަނީ އިތުރު ކޮށްފަ އެވެ. އެހެންވެ އެ މައްސަލަ އާރްޔަންގެ ފަރާތުން ބޮމްބޭ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އިއްޔެ ވަނީ ފުރަތަމަ އަޑު އެހުން ބާއްވާފަ އެވެ.

ބޮލީވުޑާއި ނޫސްވެރިންނާއި ސަޕޯޓަރުންނަށް ބޮޑު މައްސަލައަކަށް ވިޔަސް ހައި ކޯޓުން އާރްޔަންގެ މައްސަލަ ކުރިޔަށް ގެންދަނީ މާބޮޑު މައްސަލައެއްގެ ގޮތުގައެއް ނޫނެވެ. އެހެންވެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ ވަރަށް ކުޑަ ކޯޓު ރޫމެއްގަ އެވެ.

އިއްޔެގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ގާޒި އެ ރޫމަށް ވަތް އިރު އެތަން އޮތީ ފުރި ބާރުވެފަ އެވެ. އަދި މީހުން ގިނަވެ ފިތި ބާރުވެގެން ލައްޕާފައި ހުރި ދޮރުތައްވެސް ހުޅުވުނު ކަމަށްވެ އެވެ.

އެހެންވެ ގާޒީ ވަނީ ޝަރީއަތް ފަށަން ދެކޮޅު ހަދާފަ އެވެ. އަދި އެހާ މީހުން ގިނަ ނަމަ ކޯވިޑް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ މީހުން މަދުކޮށް އިޖްތިމާއީ ގައިދުރު ކަމުގައި ކޯޓު ރޫމްގައި ތިބި މީހުން އިށީނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޯޓު މުވައްޒަފުންނަށް އަންގައި އެތަނުން ވަނީ ނުކުމެފަ އެވެ.

އަދި ގާޒީ ނުކުމެ ހުރީ ކޯޓު ރޫމް ހުސްކުރަންދެން ބެލްކަނީގައި ކަމަށްވެ އެވެ. ގާޒީ ބޮޑަށް ހިތް ހަމަ ނުޖެހުނީ ވަކީލުންނާއި މައްސަލައިގެ ފައިލުތައް ހިފައިގެން ދިޔަ ކޯޓު މުވައްޒަފުންނަށްވެސް މީހުން ގިނަ ކަމުން އެ ރޫމަށް ނުވަދެވުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބައެއް މީހުން ނެރެން ޖެހުނީ ގަދަ ކަމުންނެވެ. ބައެއް މީހުން ނުކުންނަށް އެންގުމުން ހުރިތަނުން ގުޑާނުލާންވެސް ތިބި ކަމަށާއި އެކަމާއި ހިތްހަމަ ނުޖެހިގެން މުވައްޒަފުން ވަނީ ގާޒީގެ ވަގުތު ވަރަށް މުހިންމު ކަމަށް ބުނެ ލަސްވާނަމަ އަޑުއެހުން ކެންސަލް ކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީހުން އެތަނުން ނުކުތީ އެ އިންޒާރު ދިނުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ އަޑު އެހުން ކުރިޔަށް ގެންދިޔައީ ދެ ފަރާތުގެ ވަކީލުންނާއި މަދު ނޫސްވެރިންތަކެއްގެ ހާޒިރުގައި އެވެ.

މައްސަލައިގަ އިއްޔެގެ ބޭއްވި އަޑުއެހުން ނިންމާލީ މިއަދުވެސް އަޑުއެހުމެއް ތާވަލު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް