ސްޕެނިޝް ލީގު: ފާޓީގެ އަނިޔާ އިތުރަށް ގޯސްވެ މިރޭގެ މެޗުގައި ނުކުޅެވޭނެ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުން 18 އަހަރުގެ ޒުވާން ފޯވާޑް އަންސު ފަޓީގެ ކަކުލަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ މިރޭ ރަޔޯ ވަލްކާނޯއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަ...

27 Oct 2021 | 09:13

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުން 18 އަހަރުގެ ޒުވާން ފޯވާޑް އަންސު ފަޓީގެ ކަކުލަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ މިރޭ ރަޔޯ ވަލްކާނޯއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ފަޓީގެ އަނިޔާއާއި ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަން ދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ފަޓީ އަށް އެންމެ ފަހުން ކުޅުނު އެލް ކްލެސިކޯ މެޗުގައި ކުރިން ކަކުލަށް ލިބުނު އަނިޔާ އިތުރަށް ގޯސްވެފައި ވުމުން މިރޭގެ ރަޔޯ ވަލްކާނޯއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

އެންމެ ފުރަތަމަ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު ފަޓީ ކުޅުމާއި ދުރުގައި 11 މަސްދުވަސް ވަންދެން ހުންނަން ޖެހުނު އިރު، ފަޓީ އެނބުރި ކުޅުމުގެ ތެރެއަށް އައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް އޭގެ ފަހުން އޮޕަރޭޝަން ކުރި ކަކުލަށް އިތުރަށް އަނިޔާވީ އެންމެ ފަހުން ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސާ ކުޅުނު އެލް ކްލެސިކޯ މެޗުގައެވެ. މި އަނިޔާއާއި ގުޅިގެން މެޗުގެ ފަހު 15 މިނެޓުގައި ފަޓީ ވަނީ ބަދަލުކޮށްފައެވެ.

ފަޓީއަށް ދެވަނަ ފަހަރަށް އަނިޔާވެފައިވާއިރު، އޭނާ އަށް ކުޅުމުގެ ތެރެއަށް ދެން އަލުން އެނބުރި އާދެވޭ ވަރުވާނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވެސް ބާސާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަޓީގެ އިތުރުން މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޕެޑްރީ، ބްރެއިތްވެއިޓް އަށް ނުކުޅެވޭނެ އިތު، ޑިޔޮން، ޑެމްބެލޭ، އަދި އަރޫހޯ އަށް ވެސް މިރޭގެ މެޗުގައި ކުޅެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ސްޕެނިޝް ލީގުގައި މިރޭ ރަޔޯ ވަލްކާނޯއާއި ދެކޮލަށް ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 10:00 ގައެވެ. މި މެޗު ކުޅޭނީ ރަޔޯ ވަލްކާނޯގެ ދަނޑުގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް