ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް މުނާ، އަދި ނައިބު ރައީސްގެ މަގާމަށް ޑރ. އަދުހަމް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
އެ ކޮމިޝަނަށް ރައީސް އާއި ނާއިބް ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާ ކުރައްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވި ގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރުމަށް ވޯޓު ދިނީ 47 މެމްބަރުން ނެވެ. ނައިބް ރައީސް ކަމަށް ޑރ. އަދުހަމް އައްޔަން ކުރުމަށް ވޯޓު ދެއްވީ 46 މެމްބަރުން ނެވެ.
މި ދެބޭފުޅުންނާ އިންޓަރވިއު ކޮށްފައެއް ނުވެ އެވެ. އެއީ އެދެބޭފުޅުންނަކީ ވެސް ވަރަށް ފަހުން ކޮމިޝަނަށް އައްޔަން ކުރުމަށް ކޮމިޓީން އިންޓަރވިއުކޮށް، އެދެބޭފުޅުންގެ ހުރިހާ މައުލޫމާތެއް ހުރި ބޭފުޅުންކަމަށްވާތީ އެވެ.
އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައިވާ މުނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވާފަ އެވެ.
ޑރ. އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އޭނާ އަކީ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އެއީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިން ނެވެ. ޑރ. އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް ވަނީ ޑރ. އަދުހަމްއަށް ލިބިވަޑައިގެންފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް