ރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމު ކުރުމަށް 46 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފި

ރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމު ކުރުމަށް 46 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފި އެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މި ބިލު ވަނީ ރައްޔިތ...

27 Oct 2021 | 08:46

ރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމު ކުރުމަށް 46 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މި ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ދިރާސާކޮށްފަ އެވެ.

މިބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެ އެވެ. އެ ޚިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.

ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު، ފޮރިން ސަރވިސްގެ މަގާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ އެކަމާގުޅޭ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ވަނީ ކަނޑއއަޅާފަ އެވެ. އަދި އެކަމަށް ވަކި މާއްދާއެއް ވަނީ ބިލަށް ހިމަނާފަ އެވެ.

މީގެ އިތުރުން ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 10 އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ވަނީ ބަދަލު ކޮށްފަ އެވެ. އެ ބިލުގައި ކުރިން އޮތީ އެ މުއްދަތަކީ 15 އަަހަރު ކަމަށެވެ.

މިބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ފޮރިން ސެކްރެޓަރީ ހުންނަވާ އިރު، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުން ނެވެ. ފޮރިން ސެކެރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

ފޮރިން ސެކެރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެކަމަށް އެ ބިލުގައި ބުނެފައިވީނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިއުފާދޭންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް