ޖަޕާން ސަރުކާރުން ޔުނިސެފްއާއި ގުޅިގެން ރާއްޖެއަށް ވެކްސިން ކޯލްޑް ޗެއިން އިކުއިޕްމަންޓް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ޔުނިސެފްއާއި ގުޅިގެން ރާއްޖެއަށް ވެކްސިން ކޯލްޑް ޗެއިން އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ. މިއީ ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނު...

27 Oct 2021 | 08:20

ޖަޕާން ސަރުކާރުން ޔުނިސެފްއާއި ގުޅިގެން ރާއްޖެއަށް ވެކްސިން ކޯލްޑް ޗެއިން އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.

މިއީ ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށް ވެދެއްވި ހަދިޔާ އެކެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީ އެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް ހިމެނެ އެވެ. އަދި އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތަކާއި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެ އެވެ.

މިއަދު ޙަވާލްކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ޞިއްޙީދާއިރާއަށް ލިބިގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިފަދަ ކޮންމެ ޙާލަތެއްގައި ޔުނިސެފާއި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދު ވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް