ބީއެމްއެލް ރިވޯޑްސް ލޯޔަލްޓީ ޕްރޮގްރާމް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް " ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ. މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރ...

27 Oct 2021 | 07:50

ބޭންކް އޮފް މޯލްޑިވްސް އިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް " ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓް އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.

ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭ އިރު، މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއަރލައިނާއި، 650،000 ހޮޓެލާއި، ކާރު ކުއްޔަށް ނެގޭނެ އެވެ. އަދި އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑު ގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް މި ޕްރޮގްރާމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފް ކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ޚިދުމަތްތަކާއި ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަަށެވެ.

"ކްރެޑިޓް ކާޑަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް. ފާއިތުވި ދުވަސްތަކުގައި މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުން." ޓިމް ސޯޔަރ ވިދާޅުވި އެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ.

މީގެ އިތުރުން ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރުމާއި ބަލައިގަންނަ ހަމައެކަނި ބޭންކެވެ. އަދި ވިސާ އަދި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެއްވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް