ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމަނައިފި އެވެ.
އެމްއެންޕީއަކީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް) އިސްވެ ހުންނަވާ އުފައްދާފައިވާ ޕާޓީ އެކެވެ. އެ ޕާޓީގެ ރައީސް ކަމަށްވެސް އޭނާ އިންތިހާބު ކޮށްފައިވާއިރު ޕާޓީ ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޕާޓީ އިލެކްޝަންސް ކޮމިޝަނުގައި ރެޖިސްޓްރީ ކޮށްފައިވާ ކަން މަޖިލީހަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ ތިން މެމްބަރުން އެބަތިއްބެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެތިން މެމްބަރުންނަކީ ނާޒިމް އާއި އުޝާމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕާޓީއެއް ރެޖިސްޓްރީ ވާނީ މަދުވެގެން ދެ މެމްބަރުން ތިބި ނަމަ އެވެ.
އެމްއެންޕީ އާއި އެކު އެ ދަފްތަރުގައި ހަ ޕާޓީއެއް ރެޖިސްޓްރީވީ އެވެ. އެއީ 65 މެންބަރުންނާއެކު އެމްޑީޕީ، ހަ މެންބަރުންނާއެކު ޕީޕީއެމް، ތިން މެންބަރުންނާއެކު ޕީއެންސީ، ތިން މެންބަރުންނާއެކު ޖުމްހޫރީ ޕާޓީ، އަދި ދެ މެންބަރުންނާއެކު އެމްޑީއޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް