ޕާޓީތަކާއި ބައްދަލު ކުރީ ގާނޫނު އިސްލާހު ގެނެވޭނީ އެންމެން ގުޅިގެން ކަމަށް ވާތީ: ނަޝީދު

ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކު މިދިޔަ ދެ ތިން ދުވަހު ބޭއްވެވި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފި އެވެ. ނަޝީދު ...

27 Oct 2021 | 05:44

ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކު މިދިޔަ ދެ ތިން ދުވަހު ބޭއްވެވި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފި އެވެ.

ނަޝީދު ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފަ އެވެ. އަދި ހޯމަ ދުވަހު ވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ވެރިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީ މާއި ބައްދަލު ކުރައްވާފަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީތަކާއި އެކު ކުރެވުނު މަޝްވަރާތަކުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ހުށަހެޅުމެއް އެބައޮތް ކަމަށެވެ. އަދި އެ ނޫން ވެސް ގިނަ ބަދަލުތަކެއް ގާނޫނު އަސާސީއަށް ގެންނަން ވަރަށް ގިނަ ފަރާތްތަކުން ބޭނުންވާ ކަން އެމަނިކުފާނަށް ސާފުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީއެއް ވީހާވެސް ބޮޑަކަށް ބައިވެރިވެގެން ގުޅިގެން ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. އެނޫން ގޮތަކަށް މަސައްކަތް ކޮށް ގާނޫނަށް ގެންނަ ބަދަލުގެ ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައިވެސް ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަޝީދު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް ހުށަހަޅާފައި އެވެ.

ޕާޓީތަކާއި އެކު ކުރެވުނު މަޝްވަރާގެ ތަފްސީލް ހާމަކުރިއިރު އިދިކޮޅު ކޯލިޝަނުން ބުނީ ނަޝީދާއި އެކު ބޭއްވި ބައްދަލުވުމުގައި އެއްވެސް ސިޔާސީ މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް ދެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް