ކެނެޑާގެ އާ ޑިފެންސް މިނިސްޓަރަކަށް އަނެއްކާވެސް އިންޑިއާ ދަރިކޮޅު މީހެއް

ކެނެޑާގެ އާ ޑިފެންސް މިނިސްޓަރަކަށް އިންޑިއާ ދަރިކޮޅުގެ އަނީތާ އަނަންދު އައްޔަން ކޮށްފި އެވެ. އުމުރުން 54 އަހަރުގެ އަނީތާ އެ މަގާމަށް އައްޔަން ކުރީ ޑިފެންސް މިނިސްޓްރަކަށް ކުރިން ހުރި ހަރްޖީތް ސައްޖަނ...

27 Oct 2021 | 03:34

ކެނެޑާގެ އާ ޑިފެންސް މިނިސްޓަރަކަށް އިންޑިއާ ދަރިކޮޅުގެ އަނީތާ އަނަންދު އައްޔަން ކޮށްފި އެވެ.

އުމުރުން 54 އަހަރުގެ އަނީތާ އެ މަގާމަށް އައްޔަން ކުރީ ޑިފެންސް މިނިސްޓްރަކަށް ކުރިން ހުރި ހަރްޖީތް ސައްޖަން އެމަގާމުން ވަކި ކުރުމަށް ފަހު އެވެ. ހަރްޖީތަކީވެސް އިންޑިއާ ދަރިކޮޅުގެ ކެނެޑާ ރައްޔިތެކެވެ.

އަނީތާ އަކީ މިދިޔަ ހަފްތާގައި ކެނެޑާގެ އިންތިހާބު ކާމިޔާބު ކުރި ބޮޑުވަޒީރު ޖަސްޓުން ޓްރޫޑޯގެ ލިބަރަލް ޕާޓީ އާއި ކެނެޑާގެ ސިޔާސީ މައިދާނުގައި މަގުބޫލު މީހެކެވެ. އަދި މީގެ ކުރިންވެސް މިނިސްޓަރުކަން ކުރައްވާފައިވާ މީހެކެވެ.

އަނީތާ އެ މަގާމަށް އައްޔަން ކުރުން ވެގެންދާނީ ޑިފެންސް ދާއިރާ ހަރުދަނާ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރު ގަބޫލު ކުރެ އެވެ. އެއީ ކެނެޑާ އަސްކަރިއްޔާގެ ތެރޭގައި ޖިންސީ ގޯނާ އާއި އަންހެނުންނާއި މެދު ތަފާތު ކުރުން އިތުރުވެފައިވާ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރާތީ އެވެ.

ހަރްޖީތް އެ މަގާމުގައި ހުރުމާއި މެދު ގިނަ ބަޔަކު ދެކޮޅުވީވެސް އެ މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެންދާތީ އެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ އެއްވެސް މީހަކަށް އިންސާފު ނުލިބޭތީ އެވެ.

ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރުމަށް ފަހު ހަރްޖީތް އައްޔަން ކޮށްފައިވަނީ މިނިސްޓާ އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެޖެންސީ އަށެވެ. އަނީތާ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން މިހާރު ކެނެޑާ ކެބިނެޓްގައި އިންޑިއާ ދަރިކޮޅުގެ ތިން މިނިސްޓަރު އެބަތިއްބެވި އެވެ.

އެއީ އަނީތާ، ހަރްޖީތް އަދި ބަރްދީޝް ޗައްގަރެވެ. ބަރްދީޝް އަކީ ކެނެޑާގެ ޑައިވާސިޓީ އިންކްލޫޝަން އެންޑް ޔޫތް މިނިސްޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް