ބޮލީވުޑްގެ ދެ ފިލްމު ކަމަށްވާ "އަންތިމް" އާއި "ސަތިއަމޭވް ޖަޔަތޭ 2" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގ 26 ވަނަ ދުވަހު އެވެ.
ފިލްމު "އަންތިމް" އަކީ ސަލްމާން ހާން އާއި އޭނާގެ ޅިއަނު އަޔުޝްމަން ޝަރުމާ ފެނިގެންދާ ފިލްމެކެވެ. "ސަތިއަމޭވް ޖަޔަތޭ 2" ގެ ލީޑް ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އެވެ.
މި ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒް ކުރުމަކީ ސަލްމާނާއި ޖޯންގެ ވަރުގަދަ ކުރިމަތި ލުމަކަށް ވާނެ އެވެ. ސަލްމާނަކީ ޖޯން އަބްރަހަމްއަށްވުރެ ފޭނުން ގިނަ މީހެކެވެ. އޭގެ ނުރައްކާތެރިކަން ޖޯންގެ ފިލްމަށް އަންނާނެ ކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
އެކަމަކު އިއްޔެއިން ފެށިގެން އެ ވާހަކަތައް ވަނީ ބަދަލުވެފަ އެވެ. އިއްޔެ ރޭ ދެ ފިލްމުގެ ޓްރެއިލާ ވަނީ ކުލަގަދަ ރަސްމިއްޔާތުތަކާއި އެކު އާންމުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެ ފިލްމުގެ ޓްރެއިލާވެސް އާންމުންނަށް ވަރަށް ކަމުދިޔަ ކަމަށެވެ.
ދެ ފިލްމު ވަކިން ބަލަން ބޭނުންވާ މީހުންނަށްވުރެ ގިނައީ ދެ ފިލްމުވެސް ބަލަން ބޭނުންވާ މީހުން ކަމަށް ވެ އެވެ. އަދި ދެ ތަރިންގެ އެކްޓިންއަށްވެސް ތާއީދު ލިބެމުންދަނީ އެއްވަރަކަށް ކަމަށް ބުނެފަވެ އެވެ.
އެހެންވެ މި ހިފުމުގެ ނިމުން އަންނާނެ ގޮތް ވަރަށް ތަފާތު ވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ. އާންމުކޮށް މިގޮތަށް ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒް ކޮށްފި ނަމަ ބޮޑަށް ތާއީދު ލިބެނީ މަޝްހޫރުކަން ބޮޑު ތަރިއަކު ކުޅެފައި އޮންނަ ފިލްމަކަށެވެ.
މި ދެ ފިލްމަކީވެސް އެކްޝަން ފިލްމުތަކެކެވެ. މި ދެ ފިލްމު ވާދަވެރިކަން ބޮޑުވާނެ ކަމަށް ގަބޫލު ކުރެވެނީ އެހެންވެ އެވެ.
ސަލްމާންގެ "އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. "ސަތިއަމޭވް ޖަޔަތޭ 2" އަކީ ޖޯންއާ އެކު ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ގެނެސްދިން "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް