ފުވައްމުލަކު ސިޓީގެ އިހހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު އެ ސިޓީ އާއި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވީ އިއްޔެ އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތްކޮށްދެނީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.
މިމަސައްކަތް ކޮށްދިނުމުގެ އެންމެ ބޮޑޫ މަގުސަދަކީ މީގެ ކުރިން ދިމާވިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުން ކަމަށް ބުނެ އެވެ. ކުރިން ބޭނުން ކުރި ނެރުތަކުން ރަށަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ދޯންޏާއި ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވެ އެވެ.
އެމްޓީސީސީން ބުނީ މުޖުތަމައުއާއި ގުޅުން ހުރިމިފަދަ މަސައްކަތްތަކުގައި ކުންފުނި ހިއްސާވުމަކީ ފެށުނީންސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމާލުން ކަމަށް މައުލޫމާތުދެ އެވެ.
އިއްޔެ ބޭއްވި މިމަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް