ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގިތޯ ބަލައިދިނުމަށް ހައި ކޯޓުން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މިކަން ހައިކޯޓުން ހާމަކޮށްފައިވަނީ އެ ކޯޓުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ "ހިބަޅިދޫ މައްސަލަ ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތު" މި ސުރުޚީގެ ދަށުން، "މިހާރު" ނޫހުގައި 23 އޮކްޓޫބަރު 2019 ވަނަ ދުވަހު ލިޔެފައިވާ ޚަބަރުގައި، މި މައްސަލަ، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުކޮށްފައިވާތީ އެ ކަން ބައްލަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިއަދު، 27 އޮކްޓޫބަރު 2019 ވަނަ ދުވަހު ވާނީ އެދިފައި ކަމަށެވެ.
"މި ކަން ބައްލަވައިދެއްވުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިވަޑައިގަތީ، މިއީ ވަރަށް ސީރިއަސް މައްސަލައެއްކަމަށް ފެންނާތީއެވެ. ފަނޑިޔާރުންގެ ފަރާތުން ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯ އަދި އޭރުގެ ޓުވަރިޒަމް މިނިސްޓަރުގެ ޚަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދުވާނީ ފުލުހުންގެ ކިބައިން އެދިފައެވެ." ހައިކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ތިއްބެވީ ތައްޔާރަށް ކަމަށާއި މި ފަދަ މައްސަލަތައް ބެލެން ޖެހެނީ، މިއީ ސީދާ މުޅި ޝަރުޢީ ދާއިރާގެ އިތުބާރާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މި ފަދަ ކަންކަން ބެލުމަކީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް