މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި 19ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ އަމީން އާއްމު އައިމިނަތު ނިއުޝާ ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްދިނުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތަށް އެދިވަޑައިގަތީ މިއަދު ކަމަށް ނިއުޝާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީއިން ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކަށް ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ 17ވަނަ ރައްޔިތުން މަޖިލީހުގެ 44 މެންބަރަކަށް ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ 7 ބޭފުޅަކަށް ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މެންބަރުންގެ ނަންތައް ހިއްސާ ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާއިރު ދާދިފަހުން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ޕީޖީ އައިޝަތު ބިޝާމް ވަނީ މި މަޖިލީހުގައިވެސް އަދި މާލިއްޔަތު ކޮމެޓީގައިވެސް ހިޔާނާތުގެ ފައިސާ ލިބުނު މެންބަރުން ތިއްބެވި ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް