ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިސްކަން ދެއްވަންވީ އިސްލާމްދީން ރައްކާތެރި ކުރުވުމަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އިސްކުރައްވަންވީ ދީން ރައްކާތެރިކުރަން ކަމަށާއި އިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށް ނޫން ކަމަށެވެ. އަދި ދީނާއި ޤައުމީ ސަލާމަތާ ވަކި ނުކުރެވޭނެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1188342705740345344?s=20
ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަކޮސް ރިޕޯޓެއް ނެރެފައިވުމުން، އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ބަޔަކު އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ދީނީ އިލްމުވެރިންގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި އާއްމުން ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި 100 އަށް ވުރެ ގިނަ ކައުންސިލްތަކުންވެސް ވަނީ އެމްޑީއެން އުވާލުމަށް ސަރުކާރަށް ގޮވާލައި ބަޔާންތައް ނެރެފައެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެކަމާއި ގުޅިގެން ފުލުހުން އެންމެ ފަހުން ބުނެފައިވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅުންހުރި ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް