ޒިކުރާ މިސްކިތުގެ މައްސަލައިގަ ކުރީގެ މިނިސްޓަރު ޑރ. ޒިޔާދަށް ދައުވާކުރަން ފޮނުވައި

ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކޮށްފައިވާތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގ...

27 Sep 2020 | 07:23

ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކޮށްފައިވާތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުފައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޑރ. ޒިޔާދު މިނިސްޓަރުކަމުގައި ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތް އެޅުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާއި ހިލާފަށް ދައުލަތަށް ގެންލުންވާގޮތަށް އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރުމުގެ ސަބަބުން އީކުއިޓީގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވެ އެސްޖީ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާ ހޯދައިދޭން ޑރ. ޒިޔާދު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ513 ވަނަ މާއްދާގެ ށ. އާއި ހަވަލާދީ އެ މާއްދާގެ ނ. ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވަތީ އެވެ.

އެ ކުންފުންޏާއި އެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފައިވާތީ ދައުލަތަށް ގެއްލުން ލިބޭގޮތަށް30 މިލިއަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަނަށް ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށެވެ.

ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަނުގެ ކުރީގެ ވެރިޔާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާ އުފުލީ، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހާވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ އެސްޖޭއާ އެކު އިސްލާމިކް މިނިސްޓްރީން ހިންގި މުއާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިއުއެންޑްއޭ އޯވަސީސް ޕީޓީއީ އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އޭސީސީ އަށް ވަނީ ލަފާދީފަ އެވެ.

މި ކުށުގެ އެންމެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް