ނެތިހިނގައިދާނޭ ކަމުގެ ބިރު އޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ މުއާހަދާގައި ހުއިފިލަނޑާގެ ބާވަތްތަކެއް ހިމެނުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒަށް މިކަމުގައި އިތުރު ޒިންމާތަކެއް އުފުލަން ޖެހިއްޖެއެވެ. އެއީ ފިޝަރީޒް މިނިސްޓްރީއަކީ އެ މުއާހަދާގެ ބައިވެރިއަކަށް ވާތީއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގޮތުގައި އޮގަސްޓް މަހުގެ 17-28 އަށް ސްވިޓްޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނެތިހިނގައިދާނޭ ކަމުގެ ބިރު އޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ މުއާހަދާ ނުވަތަ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮފް ޕާރޓީސް (ކޮޕް 18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯޓް ކުރާ ދެ ބާވަތެއްގެ ހުއިފިލަނޑާ ހިމެނޭގޮތަށް، ހުއިފިލަނޑާގެ ތިން ބާވަތެއް ސައިޓީސް ކޮންވެންޝަންގެ އެޕެންޑިކްސް ދޭއް ގައި ލިސްޓުކުރުމަށް ވަނީ ނިންމާފައެވެ.
"މި ނިންމުން ނިންމާފައިވަނީ ސައިޓީސް އެޕެންޑިކްސް ދޭއް ގައި، ހުއިފިލަނޑާގެ ތިން ބާވަތެއް ލިސްޓުކުރުމަށް ނުވަތަ ހިމެނުމަށް ނެގުނު ވޯޓުގައި ބައިވެރިވި 138 މެންބަރު ގައުމުގެ ތެރެއިން 108 ވޯޓުގެ އަގުލަބިއްޔަތު ލިބިގެންނެވެ." އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ސައިޓީސްގެ ކޮޕްގެ 18 ވަނަ ބައްދަލުވުމުގައި ސައިޓީސް މުއާހަދާގެ އެޕެންޑިކްސް 2 ގައި ލިސްޓުކުރަން ނިންމުނު ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރޭގައި ރާއްޖެއިން އާންމުގޮތެއްގައި ބޭރުކުރާ ދެބާވަތްކަމަށްވާ ފަޅުބަޓު، Black Teatfish (Holothuria nobilis)، އަދި ކަނޑުބަޓު، White Teatfish (Holothuria fuscogilva) ހިމެނެއެވެ.
ސައިޓީސް އެޕެންޑިކްސް ދޭއް ގައި ހުއިފިލަނޑާގެ ބާވަތްތަކެއް ހިމެނުމުން، މުއާހަދާގައި ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން މުއުހަދާއަށް އަމަލުކުރުމުގެ ގޮތުން ދިވެހިރާއްޖެއިން އަންނަނިވި ކަންތައްތައް ފުރިހަމަކުރަންޖެހެއެވެ.
- ރާއްޖެއިން ބޭރުކުރެވޭ ހުއިފިލަނޑާގެ ބާވަތްތައް ވަކިވާނޭހެން، ބޭރުކުރެވޭ މިންވަރުތަކުގެ ތަފާސްހިސާބު ބެލެހެއްޓުން (މިއީ ދިވެހިރާއްޖެއިން މިހާރު އެކްސްޕޯޓް މަރުހަލާގައި ބާވަތްތައް ވަކިވާ ގޮތަށް ނެގެމުންދާ މަޢުލޫމާތެއް ނޫން)
- ހުއިފިލަނޑާގެ މަސްވެރިކަން ކުރުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ މެނޭޖްމަންޓް ޕްލޭންގެ ދަށުން ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް އެމަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސެއް ދޫކުރުން
- މި ބާވަތްތައް އެކްސްޕޯރޓް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ލިއެކިއުންތަކުގެ ތެރޭގައި، ސައިޓީޒް މެނޭޖްމަންޓް އޮތޯރިޓީ (ރާއްޖޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް) ގެ ފަރާތުން ދޫކުރާ ޚާއްސަ އެކްސްޕޯރޓް ހުއްދައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުން
- އެކްސްޕޯރޓް ކުރުމަށް ހުއްދަ ދެވެނީ މަސްވެރިކަން ކުރުމުގެ ލައިސަންސެއްގެ ދަށުން ނަގާފައިވާ ލަނޑާކަން ކަށަވަރުކޮށް، މަސްވެރިކަން ކުރެވެނީ އެބާވަތްތަކުގެ އާބާދީއަށް ނޭދެވޭ އަސަރު ނުކުރާ މިންވަރަކަށްކަން ކަށަވަރުކޮށް ސައިންޓިފިކް އޮތޯރިޓީ (މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް) އިން ދޫކުރާ ލިޔުމެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި ހުށަހަޅަންޖެހުން
- ދިރުންހުރި ހާލަތުގައި މިބާވަތުގެ ހުއިފިލަނޑާ ދިވެހިރާއްޖެއިން ބޭރުކުރާނަމަ، އެބާވަތްތައް އެކްސްޕޯރޓްކުރުމަށް ތައްޔާރުކުރެވިފައިވަނީ އެބާވަތްތަކަށް އަނިޔާވުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ފަހުގައިކަން ކަށަވަރުކުރުން
ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ސައިޓީސްގެ 18 ވަނަ ކޮޕް ގައި ހުއިފިލަނޑާގެ ބާވަތްތައް އެޕެންޑިކްސް ދޭއް ގައި ހިމަނަން ނިންމުމާއި ގުޅިގެން މި ނިންމުން ތަންފީޒުކުރަން ފެށުމަށް ސައިޓީސް މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް އެއް އަހަރުދުވަހުގެ މުއްދަތެއް ދޭން ވަނީ އެ ޖަލްސާގައި ނިންމާފައެވެ.
މި ނިންމުމާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، ހުއިފިލަނޑާ އެކްސްޕޯރޓް ކުރުމުގެ އޮޕަރޭޝަންތަކުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް، އެޕެންޑިކްސް ދޭއް ތަންފީޒުކުރުމަށް ސައިޓީސްގެ ސައިންޓިފިކް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހައި މަސައްކަތްތަކެއް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ކުރަމުން ގެންދާނެކަމާއި، މަސްވެރިކަން ރާވާ ހިންގުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ތައްޔާރުވަމުންދާކަމުގައި ދަންނަވާކަމަށާއި މިކަން ތަންފީޒުކުރުމުގައި މިނިސްޓްރީގެ އަމާޒަކީ މަސްވެރިންނަށް އަދި އެކްސްޕޯޓަރުންނަށް އެންމެ ލުއި ގޮތަކަށް ސައިޓީސް މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ އެންމެހާ ކަންކަން ފުރިހަމަކުރުން ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ސައިޓީސްއަކީ ދިރުންހުރި ބާވަތްތަކާއި އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވެނީ އެބާވަތްތަކުގެ އާބާދީތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުފޯރާގޮތަށް، ވަކި މިންގަނޑުތަކަކާއި ހަމަތަކެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ.
މިގޮތުން އެއްވެސް ދިރުމެއް ނެތި ހިނގައިދާނޭކަމުގެ ބިރު ހީވެފައިއޮތް މިންވަރަކަށް ރިއާޔަތްކޮށް، އެބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ތަފާތު ތިން ގިންތިއެއްގައި ލިސްޓުކުރެއެވެ. އަދި މިގޮތުން ލިސްޓުކުރެވޭ ބާވަތްތައް ގައުމުތަކަށް އެތެރެކުރެވޭނީ، އަދި ގައުމުތަކުން އެކްސްޕޯރޓް ނުވަތަ ރީ-އެކްސްޕޯރޓް ކުރެވޭނީ ދޫކުރެވޭ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ސައިޓީސް އެޕެންޑިކްސް އެކެއް ގައި ހިމެނޭ ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމަކީ ކަނޑައެޅޭ ޚާއްސަ ހާލަތްތަކެއްގައި މެނުވީ މުޅިން މަނާ ކަމެކެވެ. އެޕެންޑިކްސް ދޭއް ގައި ހިމެނޭ ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވޭނީ، އެވިޔަފާރީގެ ސަބަބުން އެބާވަތްތަކުގެ އާބާދީގެ ދެމިއޮތުމަށް ނޭދެވޭ އަސަރެއް ނުފޯރާ މިންވަރެއްގައިކަން ކަށަވަރުކޮށް، މެނޭޖްކުރެވިގެންކަން ކަށަވަރުކޮށްގެންނެވެ. އެޕެންޑިކްސް ތިނެއް ގައި ހިމެނެނީ ސައިޓީސް މުއާހަދާގައި ބައިވެރިވާ ގައުމުތަކުން، ޤައުމީ ފެންވަރެއްގައި ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ ވިޔަފާރި ކޮންޓްރޯލްކުރުމަށް ސައިޓީސްގެ އެހީތެރިކަން ހޯދާފައިވާ ބާވަތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް