ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ހިދުމަތް ފަށައިފި

ކޯވިޑް-19ގެ ބަލިމީހުން ފަރުވާއަށް ގެންދިއުމުގެ ކަންކަމަށް ބޭނުން ކުރުމަށް ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ހިދުމަތް ފަށައިފިއެވެ. ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތަކީ ރާއްޖޭގައި އެއްވެސް ފީއަ...

27 Aug 2020 | 16:23

ކޯވިޑް-19ގެ ބަލިމީހުން ފަރުވާއަށް ގެންދިއުމުގެ ކަންކަމަށް ބޭނުން ކުރުމަށް ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ހިދުމަތް ފަށައިފިއެވެ.

ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތަކީ ރާއްޖޭގައި އެއްވެސް ފީއަކާ ނުލައި ދޭން ފެށި މިބާވަތުގެ މިފަދަ ފުރަތަމަ ޚިދުމަތެވެ. މުޅިން އަލަށް ފެށިި މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ، މިފަދަ ޚިދުމަތަކާއެކު ކުއްލި ޙާލަތުގައި ސިއްޙީ އެހީ ފޯރުކޮށްދިނުން ވަރަށް އަވަސްކުރެވޭނެ ކަމަށެވެ. މިކަމުގައި ޢާއްމުންނަށް އެންމެ ބޮޑު ލުޔަކަށް ވެގެންދާނީ، ކޯލް ސެންޓަރަށް ކޯލް އަންނަ ހިސާބުން ފެށިގެން ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސް ޚިދުމަތް ފެށެންދެން މި ޓީމްގެ މަސައްކަތްތައް ކުރިއަށްދިއުމެވެ.

ނާސިރު ވިދާޅުވީ، ހެލްތު މިނިސްޓްރީއާއި، ފުލުހުންނާއި، ދިވެހި ރެޑްކްރަސަންޓާއި އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުގެ ބައިވެރިވުމާއެކު ކުރިއަށްގެންދަން ނިންމާފައިވާ މިހިދުމަތް މިވަގުތު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެދަށުން ކޯވިޑް-19ގެ ބަލިމީހުންނަށް ދިނުމަށް ނިންމައިފައިވި ނަމަވެސް، ހިދުމަށް ފުޅާވެގެން އަންނައިރު މި ހިދުމަތްވާނީ ގަޢުމީ ހިދުމަތަކަށްކަމަށެވެ.

ހިދުމަތް ފެށުމުގެގޮތުން ވަނީ ޑްރިލް ހަރަކާތެއްވެސް ބާއްވާފައެވެ. ޑްރިލްގައި ކޯލް ސެންޓަރަށް އަންނަ ކޯލަކާއި ހަމައިން ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް ޢަމަލުކުރާނެގޮތައްވަނީ ފަރިތަކޮށްފައެވެ. މި ހިދުމަތުގައި ބައިވެރިވާ ފަރާތްތަކަށް މީގެކުރިންވެސްވަނީ ތަމްރީން ޕޮރޮގްރާމްތަށް ކުރިއަށް ގެންގޮސްފައެވެ.

މި ހާލަތުގައި ބޭނުންކުރާ އެމްބިއުލާންތަކަކީވެސް ބަލިމީހާއަށް ވަކި ފަރުވާތަކެއް ދެވޭގޮތަށް ފަރުމާކޮށްފައިވާ ޕެރަމެޑިކް އެމްބިއުލާންސްތަކެވެ. އަދި ކުއްލި ޙާލަތެއް ނަމަ ބަލިމީހާ އޮތްތަނުން ފެށިގެން ފަރުވާގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް އަޙުމަދު ނާސިރުވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް