ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދަވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް، މިއަދު އުފައްދަވައި، އެ ތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގ...

27 Aug 2019 | 17:07

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް، މިއަދު އުފައްދަވައި، އެ ތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވީ، ޙައްޖާއި ޢުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައެވެ.

ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަމްބަރެއް ކަމުގައި ހަމަޖައްސަވާފައި ވަނީ 481 ކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް