ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކަސްޓަމްސުން ބުނެފައިވާގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު ދެ ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް ރާއްޖެއަށް އެތެރެކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް ތިން ކާރު، ދެ ޕިކަޕް، ދެ ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
"މި ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ ތަހުޤީޤު ކުރެވެމުންނެވެ. އަދި މި އޮޕަރޭޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ޤާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް ކަސްޓަމްސުން އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް