މިނިސްޓަރު ޝާހިދު އއ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިއަތޮޅު އުތުރުބުރި ބައެއް ރަށްރަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ. މިނިސްޓަރ ޝާހިދު އެއަތޮޅަށް މިއަދު ވަޑައިގަތީ ރައ...

27 Aug 2019 | 08:04

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިއަތޮޅު އުތުރުބުރި ބައެއް ރަށްރަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު އެއަތޮޅަށް މިއަދު ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އއ. އުކުޅަހުގައި އިއްޔެ ފެށުނު އުކުޅަސް ޓެކް ފެއަރ، އޭ.އައި މޯލްޑިވްސް އަދި ސްކީމާ 2019 މަހާސިންތާ ފައްޓަވައިދެއްވުމަށާއި، އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވުމަށެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން 24 ދުވަހުގެ ތެރޭގައި ނިންމި ސެންޓަރެކެވެ.

އުކުޅަހަށްފަހު މިނިސްޓަރ ޝާހިދު ވަޑައިގެންފައިވަނީ އއ. ރަސްދޫއަށެވެ. އެރަށަށް ވަޑައިގެން މިނިސްޓަ ޝާހިދު ވަނީ ރަށު ކައުންސިލާއި އަރިއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެރަށުގެ ވަށައިގެން ގިރަމުންދާ ބައެއް ސަރަހައްދުތައް ބައްލަވާލައްވައި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭ މައުލޫމާތު ސާފު ކުރެއްވިއެވެ. ރަސްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ލިބިފައިވާއިރު، އެމަސައްކަތް އެމްޓީސީސީއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

މިނިސްޓަރ ޝާހިދު މިއަދު ދެން ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫ ރަށު ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއެކު ތޮއްޑޫ ކައުންސިލް އިދާރާގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުގެ މާކެޓްތަކަށް ވިއްކުމާއި ބެހޭ ގޮތުންނާއި، ކައުންސިލުން ފާހަގަކުރި އެެރަށަށް ދިމާވެފައިވާ އެކި ކަންކަމާއި ބެހޭ ގޮތުން އެބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެެއްވިއެވެ. ތޮއްޑޫއިން ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ކައުންސިލް މެމްބަރުންނާއިއެކު އެރަށުގައި ދަނޑުވެރިކަންކުރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް