މި ސެންޓަރާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި، ކުރިއަށް ގެންދާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔެލަންޓް އެކްސްޓްރީމިޒަމް" އެކުލަވާލުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމެއް ފެށިގެން ކުރިއަށްދެއެވެ.
ދެ ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދާ މި ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދުދީދީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަލުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސެލެންސީ ސަންޖޭ ސުދިރު، • ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޢިއްޒަތްތެރި މެމްބަރުން، މި ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު އަދި ކައުންޓަރ ޓެރަރިޒަމް ސްޓްއަރިންގ ކޮމިޓީ، ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީ ގެ މެމްބަރުން، އަދި މި ނޭޝަނަލް އެކްޝަން ޕްލޭންގައި ޝާމިލްވާ ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވަޑައިގަތެވެ.
މި އެކްޝަން ޕްލޭންގެ މަސައްކަތަކީ 2018 މެއި ގައި ފެށިގެން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގެންދެވިފައިވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލެވިގެން، ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއި އެކުގައެވެ. އަދި ކޮންމެ މަރުހަލާއެއްވެސް ކުރިއަށް ގެންދެވިފައިވާނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން އެން.ޖީ.އޯތަކާއިވެސް މަޝްވަރާކުރެވިގެންނެވެ. އެން.ސީ.ޓީ.ސީގެ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގެތެރެއިން ނޭޝަނަލް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް، މި އަހަރުގެ ސެޕްޓެމްބަރު މަހު މި ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާޙުކުރުމެވެ.
މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް، މި ފަދަ އެކްޝަން ޕްލޭނެއްގައި މުޖުތަމަޢުގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމުގެ މުހިއްމުކަމަށާއި، ފިކުރީ ހައްދުފަހަކައަޅާ ދިޔުމާއި ޓެރަރިޒަމްއަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، މުޖުތަމަޢު، އަދި ވަކި ވަކި ފަރުދުން ޝާމިލްކޮށްގެން މަސައްކަކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް