މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ އޮކްޓޯބަރުގައި ބާއްވަނީ

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް  މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' އަންނަ އޮކްޓޫބަރުގައި ބާއްވާނެކަން އެމްވީ މެޑިކަލްސް އިން ހާމަކޮށްފިއެވެ. އެހެން އަހަރުތަކެކ...

27 Aug 2019 | 07:07

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް  މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' އަންނަ އޮކްޓޫބަރުގައި ބާއްވާނެކަން އެމްވީ މެޑިކަލްސް އިން ހާމަކޮށްފިއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ. މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަން އެމްވީ މެޑިކަލްސް އިން ފާހަގަކުރެއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019 އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 3، 4 އަދި 5 މި ތިންދުވަހު، ދަރުބާރުގޭގައެވެ. ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް ވަނުން މުޅިން ހިލޭކަމަށް އެމްވީ މެޑިކަލްސް އިން މަޢުލޫމާތުދެއެވެ. މި އެގްޒިބްޝަން ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިބިގެންދާނެއެވެ.

މޯލްޑިވް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ގެ މަޤުސަދުތައް:

  • ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކަށް މުޖުތަމަޢު ހޭލުން ތެރިކުރުވުން
  • ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން
  • ދިވެހިރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރުރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތަތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުން.
  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދިނުން

އެމްވީ މެޑިކަލްސް ގެ ފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރި ވެވޭނެއެވެ. ޚާއްސަގޮތެއްގައި ތިރީގައިވާ ފަރާތްތައް ފާހަގަކޮށްލަމެވެ.

  • ހޮސްޕިޓަލްސް/ކްލިނިކްސް
  • މެޑިކަލް ލެބްސް
  • ފާމަސޫޓިކަލްސް/ ފާމަސީ
  • ބިއުޓީކެއަރ / އޮޕްޓިކަލްސް
  • ފޫޑް އެންޑް ނިޔުޓްރިޝަން
  • ހެލްތް އިންޝުރެންސް
  • މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ޓްރޭޑިޝަނަލް މެޑިސިން އަދި ސްޕާ
  • މެޑިކަލް ޓުއަރިސަމް ފެސިލިޓޭޓަރސް
  • ފިޓްނަސް ސެންޓަރސް

މޯލްޑިވް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019 ގައި ބައިވެރިވާން ބޭނުންވާ ފަރާތްކުން JALEEL@MVMEDICALS.COM އަށް އީމެއިލުކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުދޭނެ ކަމަށް އެމްވީ މެޑިކަލްސްއިން މަޢުލޫމާތުދެއެވެ. އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 7694749 އަށްކަމަށްވެސް އެމްވީ މެޑިކަލްސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް