ރިޔާސީ އިންތިހާބަށް ބާކީ ދެން އޮތީ އެންމެ 27 ދުވަހެވެ. އިލެކްޝަންސުން އެންމެ ފަހުންވެސް ބުނެފައިވަނީ އެ ދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ. ތާރިހު އަދި ފަސްކޮށް ލަސްކޮށްފައެއްނުވެއެވެ.
ރިޔާސީ ރޭހުގައި ދެ ކެނޑިޑޭޓަކު ތިއްބެވިއިރު ސިޔާސީ ފޯރި އިންތިހާއަށް ގަދައެވެ. ބަހުގެ ހޫނު ހަމަލާތަކެއް އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަށް އެއް ޕާޓީ އަނެއް ޕާޓީއަށް ބަދަލުކުރަމުން އަންނައިރު ފިނިކަންމަތީ ބޮޑު ބިޔަ އެހެން ޕާޓީއެއް ހިލަމެއް ނުވެ އެބައޮތެވެ.
ބޮޑު ޕާޓީއެކޭ މި ބުނަނީ ޕާޓީގެ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގައި ޕާޓީ ރަމްޒުކޮށްދޭ ވަރުގަދަ ބޭބޭފުޅުން ތިއްވެވީމައެވެ. އެ ޕާޓީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް)ގެ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ)އެވެ.
އިންތިހާބުގެ ވާހަކަ ދެކެވެން ފެށިކޮޅު އެމްޑީއޭ އޮތީ ސާބިތުކަމާއެކު ކޯލީޝަން ޕާޓްނަރު، ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އާއެކުކަން ސާބިތުކަމާއެކު ދިޔައީ ދައްކަމުންނެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓްތަކުގައި ލީޑަރު ޝިޔާމް ބައިވެރިވެވައިގަންނަވަމުން ދިޔައެވެ. ޕީޕީއެމް އިން ދެއިރު ދެދަޅައަށް ބާއްވަމުންދިޔަ ޕްރެސް ކޮންފަރެންސް ތަކުގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފްވެސް މިހާރަކު އެއިން ޕްރެސްއަކުން ނުފެނެއެވެ.
ދެ ޕާޓީ ދެމެދުގައި މައްސަލަ ޖެހިފައިވާކަމުގެ އަޑުތައް މިދޭތެރެއިން ގަދަވަމުންދިޔަ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސް ޔާމީން ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުންނާއި ވަޒީރުން ގެންދެވީ އެ ގުޅުން ބަދަހިކަން ސާބިތުކޮށްދެއްވުމަށް "އާކައިވް" އިން ފޮޓޯ ސޯޝަލް މީޑިއާއަށް އަޅަމުންނެވެ.
ކަން އެހިސާބުގައި އޮއްވާ މީގެ ދެދުވަސް ކުރިން އިވިގެންދިޔައީ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ނަގާނެ ކޮޅެއް ނިންމުމަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ރޭގައި ބާއްވާނެ ކަމުގެ ވާހަކައެވެ. އެހެންނަމަވެސް ރެއަކު އެ ބައްދަލުވުމެއްވެސް ނުބޭއްވިއެވެ. ފަސްކުރީކަން އިއުލާނުކުރިއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލު އަދިވެސް އޮތީ ޖަވާބެއް ނުލިބިއެވެ. އެމްޑީއޭ އަރާނީ ކޮންކޮޅަކަށް ކަމާއިމެދު އުފެދޭ ސުވާލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް