އެމެރިކާގެ ދިދައިގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުބައިކޮށް ކުލަ ޖެއްސިއްޖެ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ އޮހިއޯ ސްޓޭޓުގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ކުރެއްވި ޒިޔާރަތެއްގައި، އެ ހޮސްޕިޓަލްގައި ތިބި ކުދިންތަކަކާއި އެކު ހިންގި ހަރަކާތެއްގައި އެގައުމުގެ ދިދައިގެ ހުދާއި ރަތުގެ 13 ރޮނގުގެ ތެރެއިން އެއް ރޮނގުގައި ޓްރަމްޕްވަނީ ނޫ ކުލަ ޖައްސާފައެވެ. އެމެރިކާގެ ދިދައިގައި ހިމެނޭ 50 ތަރި ރަމްޒުކޮށްދެނީ އެގައުމުގެ 50 ސްޓޭޓެވެ. އަދި ހުދާއި ރަތުގެ 13 ރޮނގު ރަމްޒުކޮށްދެނީ ކިންގްޑަމް އޮފް ގްރޭޓް ބްރިޓަންއިން މިނިވަންކަން އިއުލާނު ކުރި 13 އިނގިރޭސި ކޮލޮނީއެވެ.
ދިދައިގައި ނުބައިކޮށް ކުލަ ޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. މީގެ ކުރިން އެގައުމުގެ ދިދައަށް އިހުތިރާމު ނުކުރާކަމަށް ބުނެ ގިނަބަޔަކަށް ޓްރަމްޕް ފާޑު ކިޔާފައިވާތީ ޓްރަމްޕަކީ ތާކުން ތާކު ނުޖެހޭ މީހެއް ކަމަށް އެމެރިކާގެ ބައެއް މީހުން ދަނީ ބުނަމުންނެވެ. އެމެރިކާގެ ކުޅިވަރު ލީގެއް ކަމުގައިވާ އެންއެފްއެލްގެ މެޗު ފެށުމުގެ ކުރިން ކުޅޭ ގައުމީ ސަލާމުގެ ވަގުތުގައި ކަޅު ނަސްލުގެ ބައެއް ކުޅުންތެރިން ކުޑަ ކަކޫ ޖަހާތީ އެގައުމުގެ ދިދައަށް އިހުތިރާމް ނުކުރާކަށް ބުނެ އެކުޅުންތެރިންނަށް ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ. އަދި އެމެރިކާގައި ގަވާއިދާއި ހިލާފަށް ވަޒަންވެރިވެގެން އުޅޭ މީހުންނާއި ދެކޮޅަށް ދިން ހިތާބަކަށްފަހު އެމެރިކާގެ ދިދައިގައި ޓްރަމްޕްވަނީ ބައްދާލާފައެވެ.
ޓްރަމްޕްގެ ސަރުކާރާއި ދެކޮޅު ބައެއް ފަރާތްތަކުން ބުނަމުންދަނީ ޓްރަމްޕް ކުލަޖައްސަން އުޅެފައި އޮތީ ރަޝިޔާގެ ދިދައެއްގެ ގޮތުގައި ކަމެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ނެދަލޭންޑްގެ ދިދަ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަޕޯޓަރުން ދަނީ ޓްރަމްޕްގެ މި އަމަލު ދިފާއުކުރަމުންނެވެ. މިގޮތުން ޓްރަމްޕް އެގޮތަށް ކުލަޖައްސާފައިވަނީ އެގައުމުގެ ފުލުހުންނަށް އިހުތިރާމުކުރުމުގެ ގޮތުންކަމަށް ބައެއް ސަޕޯޓަރުން ވަނީ ބުނެފައެވެ. އިތުރު ސަޕޯޓަރުންތަކެއް ބުނެފައިވަނީ އެއީ މި ހަފްތާގައި މަރުވެފައިވާ އެމެރިކާގެ ސެނެޓާ ޖޯން މެކެއިން އަށް ޓްރަމްޕް އަދާ ކުރި އިހުތިރާމެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް