ލީޒް އެގްރިމެންޓެއްގެ ދަށުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އިތުރު ދެތިންމަސްދުވަހު ބާއްވަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަމަށް އިންޑިއާގެ މިލިޓަރީ އަދި ޑިޕްލޮމެޓިކް މަސްދަރުތަކާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފިއެވެ.
އެގޮތުން ބުނެފައިވަނީ އެ ދެ ހެލިކޮޕްޓަރާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައިތިބި އިންޑިއާގެ 48 ސަޕޯޓް ސްޓާފުން ރާއްޖެއިން އަނބުރާ ނުގެންދާނެކަން މިހާރު ކަށަވަރު ކުރެވޭކަމަށެވެ.
މިފަދަ އެއްބަސްވުމަކަށް އާދެވިފައިމިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު މި މައްސަލައިގާ ކުރެވެމުން އަންނަ މަޝްވަރާތަކުގެ އަލީގައިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ލީޒިން އެގްރިމެންޓް މި އަހަރު ފެށުނުއިރު އޮތީ ހަމަވެފައެވެ. އަދި ލާމުގައި އޮންނަ ހެލިކޮޕްޓަރުގެ އެގްރިމެންޓް ހަމަވީ މިއަހަރުގެ ޖޫންމަހުގައެވެ.
މި މައްސަލައިގާ މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ބުނެފައިވަނީ އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރި ދެ ހެލިކޮޕްޓަރު އާންމު ގޮތެއްގައި ބޭނުންކުރީ ބަލި މީހުން އުފުލަން ކަމަށާއި އެކަމަކު އެކަން އަމިއްލައަށް ކުރެވޭ ވަރަށް ރާއްޖޭގެ ވަސީލަތްތައް މިހާރު ކުރިއަރާފައި ވާތީ އެ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. މިހެން ބުނެފައިވަނީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް