ޗައިނާއާ ރާއްޖޭގެ ގުޅުން ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ "ޒިންހުއާ" ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޗައިނާ އަކީ އަބަދުވެސް އަދި ކުރިއަށް ތަނުގައި ވެސް، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
ކޮވިޑް-19ގެ ހާލަތުގައިވެސް ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފަ ކަމަށާއި، މީގެ އިތުރުންވެސް ތަރައްގީގެ އެތަކެއް މަޝްރޫއެއް ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގައިފާވާ ކަމަށާއި، އަދި މިހާރުވެސް ހިންގަމުންދާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ސިނަމާލެ ބުރިޖަކީވެސް ޗައިނާއާއެކު ރާއްޖެއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ، ޗައިނާ އާއެކު ގުޅިގެން މިހާރު ހުރި މަޝްރޫއުތައް ނިންމައި، އަދި މުސްތަގުބަލުގައި ވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް