ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލުވި "ކަސޯޓީ" ޑްރާމާއާއި ހިސާބުން ދިވެހިންގެ ތެރޭގައި ހިންދީ ޑްރާމާތައް ވަނީ ވައިގަ ހިފާފައެވެ. ރޭގަނޑު އިޝާ ނަމާދުގެ ފަހުން ހިންދީ ޑްރާމާތައް ބަލަން ގޭގޭގެ ފެންޑާތައް ފުރާލައެވެ. އެއް ޑްރާމާ ނިމޭއިރަށް އަނެއް ޑްރާމާ ފެށެއެވެ. މިކަމުގެ އެންމެ ކުރީގައި އުޅެނީ ދިވެހި އަންހެނުންކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާ ޑްރާމާތަކުން ފެށިގެން ބޮލީވުޑްގެ ފިލްމްތައް ވެސް ދިވެހިންގެ ތެރޭގައި އެހާމެ މަގްބޫލެވެ. މިކަމުގެ ސަބަބުން އިންޑިއާގެ އެންމެ އާންމު ބަސްކަމުގައިވާ ހިންދީ ބަސް މިވަނީ ދިވެހިންނާއި ވަރަށް ރައްޓެހިވެފައެވެ. ހިންދީ ބަހަކީ ގިނަ ދިވެހިން ދަންނާނެ ބަހެއްކަން ޔަގީނެވެ.
ހިންދީ ބަހުގައި ބޭނުންކުރާ ގިނަ ބަސްތަކަކީ ދިވެހިބަހާއި ވަރަށް އެއްގޮތް ބަސްތަކެކެވެ. އެހެންކަމުން އެ ބަސް ދަސްކުރަންވެސް މާ އުނދަގުލެއް ނުވާނެއެވެ. ރާއްޖޭގައި އިންޑިއާ ފިލްމް ބަލާ ދިވެހިންނާއި، ހިންދީ ޑްރާމާ ބަލާ އާބާދީގެ 95 އިންސައްތަ މީހުން ބަލަނީ އިނގިރޭސި ސަބްޓައިޓްލް އާއި ނުލައެެވެ.
މީގެ އިތުރުން، ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވެސް ހިންދީ ބަހުން ވާހަކަ ދައްކަން އިނގެއެވެ. ސަބަބަކީ ކުދިން ޓީވީ އިން ބަލާ ބައެއް ކާޓޫނުތައް ހިންދީ ބަހުން އަންނާތީއެވެ. ގިނަ ގޭގޭގެ ޓީވީ ތަކުން ހިންދީ ޑްރާމާތަކާއި ހިންދީ ފިލްމްތައް ރެއާއި ދުވާލު އަޅުވާފައި ހުރުން ވެސް ސަބަބަކަށް ފުދެއެވެ.
އޭރުވެސް މިހާރުވެސް ދިވެހިންގެ ތެރޭގައި އެންމެ ހިނގަނީ އިންޑިއާ ޑްރާމާ ތަކާއި ފިލްމްތަކެވެ. ގިނަ ދިވެހިންނަށް ދިވެހި ފިލްމްތަކަށް ވުރެވެސް ކަމުދަނީ ބޮލީވުޑްގެ ފިލްމްތަކެވެ. އެންމެ ކަމުދަނީ ބޮލީވުޑްގެ އެކްޓަރުންނެވެ. ޕްލޭލިސްޓުން އަބަދު ޖަހާނީ ބޮލީވުޑްގެ ލަވަތަކެވެ. ޝޯވ އެއްގައި ނަށާނަމަ ނަށާނީވެސް އެއިރެއްގައި ބޮލީވުޑުން އެންމެ މަޝްހޫރު ލަވަތަކަށެވެ. އެހެންކަމުން ހިންދީ ބަހަކީ ދިވެހިންގެ ދެވަނަ ބަހޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް