ދިދައިން ބުރްޖް ޚަލީފާ ދިއްލާލުމަށް ސަރުކާރުން ޚަރަދެއް ކޮށްފައެއް ނުވޭ، ރަމްޒުކޮށްދިނީ ދެ ގައުމުގެ ގުޅުން ބަދަހިކަން

ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމުގައިވާ، ދުބާއީގެ ބުރްޖް ޚަލީފާގެ ލެޑް ވޯލް ދިވެހި ދިދައިން ދިއްލާލީ ދިވެހި ސަރުކާރުން އެކަމަށް އެއްވެސް ޚަރަދެއް ކޮށްގެން ނޫން ކަމަށާއި މިކަމުން ރަމްޒުކޮށްދެނީ...

27 Jul 2019 | 04:15

ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމުގައިވާ، ދުބާއީގެ ބުރްޖް ޚަލީފާގެ ލެޑް ވޯލް ދިވެހި ދިދައިން ދިއްލާލީ ދިވެހި ސަރުކާރުން އެކަމަށް އެއްވެސް ޚަރަދެއް ކޮށްގެން ނޫން ކަމަށާއި މިކަމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ މިންވަރު ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ބުރްޖް ޚަލީފާގެ ލެޑްވޯލް ދިވެހި ޤައުމީ ދިދައިން ދިއްލާލުމުން، އެކަމަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރި ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޑުބާއީގެ ބުރްޖް ޚަލީފާގައި ދިވެހި ދިދަ ޕްރޮޖެކްޓްކުރުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގާތް ގުޅުން ކަމަށެވެ.

"މިކަމަށް އެއްވެސް ޚަރަދެއް ދިވެހި ސަރުކާރުންކޮށްފައެއް ނުވޭ. މިކަމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް ކަމުން، ބުރްޖް ޚަލީފާގެ ވެރިފަރާތްކަމަށްވާ ޔޫ.އޭ.އީ ގެ އިމާރް ގްރޫޕްއަށް ޔޫއޭއީ ގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ ޓްވީޓްވެސްކޮށްފައި." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ފާހަގަކުރައްވާގޮތުގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ދެޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފޮރިން މިނިސްޓަރ ޝާހިދު މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެވަނައަށް ވަޑައިގަތީ އެޤައުމަށް ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި އެދަތުރުފުޅުގައި ދިވެހިންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެކަން އިއުލާންކުރެއްވި ކަންވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ބުރްޖް ޚަލީފާގެ ލެޑްވޯލަކީ ދުނިޔޭގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު ލެޑް ވޯލްވެސް މެއެވެ. އެ ލެޑްވޯލްގައި 33 ހާސް ސްކޮޔާ މީޓަރު ހުރެއެވެ. ބުރްޖް ޚަލީފާގެ ލެޑްވޯލް ދިވެހި ޤައުމީ ދިދައިން ދިއްލާލާފައިވަަނީ ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެންނެވެ. މިއީ އެ ވޯލްގައި ދިވެހި ދިދަ ދިއްލާލި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް