ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ބާއްވަން ހަމަޖެއްސުމަށްފަހު ކެންސަލްކޮށްފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ހިނގާލުން ކެންސަލްވެފައިވާކަމަށާއި ދެން ޕެރޭޑް އޮންނާނެ ދުވަހެއް ފަހުން އަންގާނެކަމަށެވެ. ޕެރޭޑް ކެންސަލް ކުރި ސަބަބެއް އާޒިމް ހާމައެއް ނުކުރައްވައެވެ.
ކުރިން ހަމަޖެހިފައި އޮތީ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 16:00 ގައި ފެށުމަށެވެ. އަދި މިހިނގާލުން ކުރިޔަށްދާ މަގުތަކުގައި ސްކޫލުތަކުގެ ޕެރޭޑްވެސް ކުރިޔަށްދާނެކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދީފައި ވެއެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފައިވާއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު އައިޓަމްތައް މާދަމާ ރެ އަށް ވަނީ މިހާރު ފަސްކޮށްފައެވެ. ކުޅިވަރުތައް ފަސްކުރި ސަބަބެއް އެކަން އިންތިޒާމުކުރާ ހޯމް މިނިސްޓްރީއަކުންވެސް ނުބެނެއެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން ވަނީ ރިސެޕްޝަނެއް ބާއްވަވައިފަ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޖުމްހޫރީ މައިދާނުގައި ރޭ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް