ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ޖުލައި 28 ވާ ހޮނިހިރު ދުވަހު މާލޭސިޓީގައި އޮންނާނެ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށެވެ.
ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ.
އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ. އަދި މިހިނގާލުން ކުރިޔަށްދާ މަގުތަކުގައި ސްކޫލުތަކުގެ ޕެރޭޑްވެސް ކުރިޔަށްދާނެކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް