މިއަހަރުގެ މިހާތަނަށް ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފްތާ – އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފްތާގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ފާނަ ބަސަންދުއާއި ...

27 Jul 2018 | 10:47

މިއަހަރުގެ މިހާތަނަށް ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފްތާގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ފާނަ ބަސަންދުއާއި ބޭރަށް ހިންގުމުގެ ހާލަތުގެ ރިޕޯޓްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހުން ފެށިގެން ފާނަ ބަސަންދު އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައި ވާކަމަށެވެ.

މިއަހަރުގެ ޖުލައި މަހު އެންމެ ގިނައިން ފާނަ ބަސަންދު ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދު އަދި އައްޑޫ ސިޓީންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއަހަރު ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖޫންމަހު އެވެ. ނަމަވެސް ޖުލައި މަހުގެ މިހާތަނަށް އެ އަދަދު ދަށްވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ފާނަ ބަސަންދު ޖެހުމުން ހުންއައުމާއި،ނޭފަތުން ފެން އައުން އަދި ވަރުދެރަވެ ގައިގައި ފެން ބިހިތަކެއް ނަގާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. ފާނަ ބަސަންދު ޖެހުމުން ރައްކާތެރިވުމަށްޓަކައި މިބަލި ޖެހިފައިވާ މީހެއް ނުވަތަ ކުއްޖެއް އުޅޭ ގޭގެއަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ގޭގައި އުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް މިބަލި ޖެހިފައިވާނަމަ އެމީހަކު ގޭގެ އެހެން މީހުންނާއި އެކަހެރިކޮށް އެމީހަކު ބޭނުންކުރާތަކެތި އެހެން މީހުން ބޭނުންނުކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. މީގެއިތުރުން މިބަލިން ރައްކާތެރިވުމަށް ޗިކަން ޕޮކްސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް