ފާއިތުވި ފަސް އަހަރަށް ބަލާއިރު މިޔަރުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަށްވުރެ ސެލްފީ އާއި ގުޅުން ހުރި މަރުތަކުގެ އަދަދު ފަސް ގުނަ އިތުރުވެފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
އެގޮތުން 2011 އިން 2017 އަށް ސެލްފީ އާއި ގުޅުންހުރި 259 މަރެއް ރެކޯޑު ކުރެވިފައިވާކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި މިޔަރުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ ހަމަ އެންމެ 50 އެވެ.
މި ތަފާސް ހިސާބަކީ އިންޑިއާގެ ޖާނަލް އޮފް ފެމިލީ މެޑިސިން އެންޑް ޕްރައިމަރީ ކެއަރ އިން އާންމުކޮށްފައިވާ މައުލޫމާތެކެވެ.
އެ މައުލޫމާތުގައި ވާގޮތުގައި އެންމެ ގިނައިން ސެލްފީ ނަގަނީ އަންހެނުންނެވެ. ދެވަނަ އަށް ޒުވާން ފިރިހެން ކުދިންނެވެ. އެހެން ނަމަވެސް ހަރު ފުރައިގެ ފިރިހެނުން ސެލްފީ ނަގާ މިންވަރު ނިސްބަތުން މަދުކަމަށްވެސް ބުނެފައިވެއެވެ.
ސެލްފީ އާއި ގުޅުން ހުރި މަރުތަކުގެ ތެރެއިން ގިނައީ ވެއްޓިގެންނާއި ގެނބިގެންނާއި ރޭލު ފަދަ ތަކެތީގައި ޖެހިގެން އަދި މީގެ އިތުރުން ބަޑި ފަދަ ތަކެއްޗާއެކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ކަމުގައިވެސް އެ ރިޕޯޓްގައިވެއެވެ.
އެންމެ ފާހަގަ ކުރެވޭ ކަމަކީ ސެލްފީ އާންމު ވުމުގެ ކުރީގައިނަމަ އެންމެ ގިނައިން މީހުން މަރުވާ ހާދިސާތަކަކަށް ވެފައި އޮންނަނީ މިޔަރުގެ ހަމަލާތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް