ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި މިނިސްޓަރ އޮފް ފޮރެން އެފެއާޒް، އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު އާއި، ކޮމިޝަނަރ މެލްމްސްޓްރޮމް ވަނީ އީޔޫގެ އާއި ރާއްޖެ އާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި، ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި ގެންގުޅެވޭނެ ލުއިފަސޭހަ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއިވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުން ވަނީ، މޫސުމީ ބަދަލުތަކާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްޤުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި އަދި އެނޫންވެސް ދާއިރާތަކުން ރާއްޖެ އާއި އީޔޫ އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ، ޔޫރަޕިއަންގެ މަޖިލިސް މެމްބަރުން ކަމަށްވާ ތޯމަސް ޒެޗޮވްސްކީ، ޗާރލްސް ޓެނޮކް އަދި ޖީން ލަމްބާރޓްއާއި ބައްދަލުކުރައްވާފައެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު ބެލްޖިއަމް އަށް ވަޑައިގަތީ އިއްޔެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް