ކުރީގެ އަދަދާ ގުޅޭ...
ޝަމީމާ އާއި ޝިޔާ ނިކުމެގެން ދިޔައިރު ރާނީ ހުރީ ސިޑި ކައިރީ ބަލާށެވެ. އެމީހުން ނިކުތުމުން ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒިއަން އައިސް ރާނީގެ އަތުގައި ހިފައިލިއެވެ.
"ޔަގީންތަ ދެން އަހަރެމެންނަށް ޕީސްފުލީ އުޅެވޭނެކަން؟" ރާނީ އަހައިލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ.
"ދެން އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާނެ" ޒިއަން ބުނެލިއެވެ.
ޝާހިދު ބޭރުން ގެއަށް އައިސް ވަނީ އެވަގުތުއެވެ. ޝާހިދު ފުރަތަމަ ވެސް އެހީ ޝަމީމާގެ ވާހަކައެވެ. އެމީހުން ގެއިން ނިކުމެގެން ދިޔަ ވާހަކަ ބުނުމުން ޝާހިދު ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ތި ދެކުދިން ބައްޕަ ހީކުރިވަރަށްވުރެ ހިތްވަރުގަދަ... ޒިއަންގެ ކައިވެންޏަކީ ސިއްރުން ކުރެވުނު ކައިވެންޏެއް... މިހާރު ފުދޭވަރަކަށް މީހުންނަށް އިނގޭ... އެކަމަކު އަދިވެސް ގިނަ މީހުންނަކަށް ނޭންގެ... ބައްޕަ ބޭނުންވަނީ ތި ދެކުދިންގެ ކައިވެނި ޕާޓީ ބާއްވަން" ޒިއަން އާއި ރާނީގެ މޫނަށް ބަލައިލަމުން ޝާހިދު ބުނެލިއެވެ. ޒިއަން އާއި ރާނީ ދެމީހުންގެ މޫނަށް ބަލައިލިއެވެ.
"ވަރަށް ބައިވަރު މީހުންނަށް ބައްޕަ އިނގޭ... ބައްޕަ ބޭނުމެއްނުވޭ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާކަށް... ފާޅުގަ ކަންކަން ކުރީމަ މީހުން ކުރާ ޝައްކުތައްވެސް ފިލައިގެން ދާނީ... އެހެންވީމަ ތިދެކުދިން ރައްޓެހިންނާއި ވާހަކަ ދައްކައިގެން ޕާޓީ އަށް ރެޑީވެ..." ޝާހިދު ބުނެލިއެވެ. ޒިއަން ބައްޕަގެ މޫނަށް ބަލައިލުމަށްފަހު ބޯޖަހައިލިއެވެ.
"އޯއެމްޖީ ރާނީ ވެޑިންގ ޑްރެސްއެއް ލީމަ އަސްލުވެސް ހީވާނީ ރާނީއެއް ހެން" ޒައިނާ ބުނެލިއެވެ. ޒައިނާ ހުރީ ޝާހިދު ޕާޓީ ބާއްވަން އެދުމުން އަދިވެސް ހައިރާންކަންމަތީއެވެ.
"ދެން ކޮންބައެއް މެރީ ކުރަނީ؟ މި ޕާޓީގަ ވެސް ކުރެވިދާނެ" ޑްރަމް ކުޅެން އިން މާޒިން، އީމާންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އީމާން އާއި މާޝާ އެކީގައި ވަރަށް ގިނައިން މިހާރު ފެނެއެވެ. މާޒިން އިންނަނީ އެންމެން ކައިރީގައި އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ. މާޒިންގެ އެ ބަލައިލުމުން އީމާން ލަދުން އިސްޖެހިއެވެ.
"އީމު ބިޓެއް ނެގީތަ؟" ހައިރާންވިވަރުން ޒިއަން އަހައިލިއެވެ. އީމާން އަދިވެސް އިނީ ލަދުންނެވެ. އެކީ ކާކުކަން ބުނެފިނަމަ ޒިއަން ވަރަށް ހައިރާންވާނެކަން ޔަގީނެވެ.
"ބްލަޝިންގ... ބުނެބަލަ ކޮން ބިޓެއް އެއީ؟" އީމާންގެ އިސްއުފުލައިލަމުން ޒައިނާ އަހައިލިއެވެ. އީމާން އިސްއުފުލާ ބަލައިލީ ގޮނޑީގައި އިށީންދެ އިން ޒިއަން އަށެވެ.
"މާޝާ" ޒިއަން އާއި ހަތަރުކަޅި ހަމަކޮށްލަމުން އީމާން ބުނެލިއެވެ.
"މާޝާ... އެއްކަލަ މާޝާ؟" ދެލޯ ބޮޑުކޮށްލަމުން ޒިއަން އަހައިލިއެވެ.
"ވެއިޓް.. މަށަށް އެކަނިތަ ތި މާޝާ އެއް ނޭންގެނީ؟" މާޒިންގެ ދެލޯ އަދި އެޔަށްވުރެ ބޮޑުވިއެވެ.
"އީމު އޭރު އުޅޭނީ އަބަދު އެމަންޖެ އާ އެކީގަ... މަންހާ އާ ވަރަށް ޒުވާބުވެސް ކުރާނެ ދޯ... މަންހާ އަސްލު އޭނައަށް ޖެއްސުންކުރަނީ އީމު ވާހަކަ ދައްކާތީ... އޭނަ ހުންނާނީ އީމު ދެކެ މޮޔަވެފަ އެކަމް އީމު އަޅައެއް ނުލާނެ... ދެން މި ދެމީހުންގެ ދެމެދުގަ ކޮންމެސް ކަމެއް ދިމާވެގެން އެމަންޖެ ވާހަކަ ނުދައްކާ ހުރެފަ ފުރައިގެން މެލޭ އަށް ދިޔައީ..." ޒިއަން އަށް އިނގޭ ވަރަށް ކިޔައިދިނެވެ.
"ކޮން މައްސަލައެއް ޖެހުނީ؟" އަޑު އަހަން އިން ރާނީ އަހައިލިއެވެ.
"އޭނަ އެއްދުވަހު އައިސް ބުނީ މަ ދެކެ ލޯބިވެޔޯ... އަހަރެން އޭރު އެކަހަލަ ކަމަކަށް ރެޑީ އެއް ނޫން... މަ ބުނީ އެހެން ކުއްޖަކު ދެކެ ލޯބިވެޔޭ" އިސްޖަހައިލަމުން އީމާން ބުނެލިއެވެ.
"މަންހާ ދެކެ ލޯބިވެޔޭ" އީމާންގެ ޖުމްލަ ނިމުމާއި އެކީ ޒިއަން ބުނެލިއެވެ. ޒިއަން އެހެން ބުނުމުން އެންމެން ޒިއަންގެ މޫނަށް ބަލައިލިއެވެ. އެންމެ ބޮޑަށް ހައިރާންވީ އީމާން އެވެ. އެއްޗެއް ބުނަން އުޅެފައިވެސް އީމާން މަޑުޖެހެލިއެވެ. ޒިއަން އައިސް އީމާންގެ ކޮނޑުގައި ޖަހައިލިއެވެ.
"އިޓްސް އޯކޭ... ޓްރައި ޓު މޫވް އޮން" އީމާންގެ މޫނަށް ބަލައިލަމުން ޒިއަން ހީލިއެވެ. އީމާން ބޯ ޖަހައިލިއެވެ.
"ލާމަށް ދާނަން މާދަން" ވާހަކަ އޮޅުވައިލުމުގެ ގޮތުން މާޒިން ބުނެލިއެވެ.
"ދެން ދާނެ އަވަސް އަވަހަށް" މާޒިން އާއި ދިމާކޮށްލުމުގެ ގޮތުން ޒިއަން ބުނެލިއެވެ.
"ކައެ ވެޑިންގ އަށް ޖޯޑުތައް ފުރިހަމަ ކުރަން ޖެހޭނު... ސަބާ ބޭނުންވޭ އަންނަން ސޯ..." މާޒިން ބުނެލިއެވެ.
"ބުރޯ އައިމް މެރިޑް އޯލްރެޑީ... އިޓްސް އަ ޕާޓީ" ކޮނޑު އަރުވައިލަމުން ޒިއަން ބުނެލިއެވެ. އެއާއި އެކީ އެންމެން އެއް އަޑަކުން ހޭންފެށިއެވެ.
****
އޭގެފަހުން މަސް ދުވަސް ވެއްޖެއެވެ. މިއަދަކީ ޒިއަން އާއި ރާނީގެ ކައިވެނި ޕާޓީ ބޭއްވޭ ދުވަހެވެ. އާއިލާ މީހުންނާއި ރައްޓެހިން ތައްޔާރުވަމުން ދިޔައީ މިރޭ ބާއްވަން ހަމަޖެހިފައިވާ ޕާޓީ އަށެވެ.
"ކޮބާ ރާނީ؟" ކޮޓަރިން ނިކުތް ޒިއަން އަހައިލިއެވެ.
"ރާނީ ރެޑީ ވަނީ... ސަބާ އެބައުޅޭ މޭކަޕް ކޮށްދެން" މިރޭ ލާން ހަމަޖެހިފައިވާ ހެދުން އިސްތިރިކުރަން ހުރި ޒައިނާ ބުނެލިއެވެ.
"ހާދަ އަވަހަކަށް؟ އަދި އިރުއޮއްސުނީ" ގަޑި ބަލައިލަމުން ޒިއަން ބުނެލިއެވެ.
"މީ އާދައިގެ ކަމެއް ނޫނޭ... ފިރިހެނުންނަކަށް ނޭންގޭނެ" ޒިއަންގެ މޫނަށް ބަލައިލަމުން ޒައިނާ ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ.
ޒިއަން ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. މުޅި ސިޓިންގ ރޫމު އެކީ ވަނީ ޕާޓީ އަށް ޒީނަތްތެރިކުރެވިފައެވެ. މީގެ އިތުރުން ބަގީޗާތެރެ ވެސް ވަނީ ޕާޓީ އަށް ޒީނަތްތެރިކޮށްފައެވެ. މިއަދު ގޭތެރެ ވެސް ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެންނެވެ. އެކިކަހަލަ ބޮކިފަތި ތަކާއި މާވަށި ތަކުން މުޅި ގޭތެރެ ވަނީ ޒީނަތްތެރި ކުރެވިފައެވެ.
"ރާނީ އިސްތަށިގަނޑު މިހެން ހުރީމަ ރީއްޗޭ" މާޝާ ބުނެލިއެވެ. ސަބާ ބޯ ހޫރައިލިއެވެ. އެމީހުން އޭރު އުޅުނީ ރާނީގެ އިސްތަށިގަނޑަށް ހަދާނެ ގޮތެއް ނޭންގިގެންނެވެ. ދެމީހުން އެކި ގޮތްގޮތަށް ހަދައިގެންވެސް ހިތްހަމަޖެހޭ ވަރެއް ނުވިއެވެ. ވަރަށް ވިސްނަން އިނުމަށްފަހު ރާނީ އަމިއްލައަށް އިސްތަށިގަނޑު ހަދައިލިއެވެ.
"ޔަގީންތަ ރާނީ؟" ހައިރާންވިވަރުން ސަބާ އަހައިލިއެވެ. ރާނީ ބޯ ޖަހައިލިއެވެ.
"އޯކޭ އެހެންވީމަ މި މާގަނޑު ޖަހާނީ މިތަނަށް" މާޝާ އަތުގައި އޮތް ހުދުކުލައިގެ ބޮލަށް ޖަހާ ދަތި ރާނީގެ ބޮލަށް ޖަހައިދިނެވެ.
މާޒިން އާއި އީމާން ތިބީ ކޯކު ތައްޓެއް ހިފައިގެންނެވެ. އޭރު ޕާޓީ ފެށެން ކުޑަ ވަގުތުކޮޅެއް އޮތެވެ.
"އަދި ޕާޓީ ވެސް ނުފެށޭ... ކަލޭމެން ބޮއެގެން ޑްރިންކްސް ހުސްވާނީ" ދެމީހުން އަތުގައި ހުރި ތަށިތައް އަތުލަމުން ޒައިނާ ބުނެލިއެވެ. މާޒިން ޒައިނާ އަށް ބަލައިލިއެވެ.
"ވާއު... ކުޑޫގެ ހަބީ ނާދޭތަ؟" ޒައިނާގެ ފައިން ފެށިގެން ބޮލަށް ބަލައިލަމުން މާޒިން އަހައިލިއެވެ.
"މިހުރީ އައިސް" ފަހަތުން އާލިމްގެ އަޑު އިވުމުން ތިން މީހުން ބަލައިލިއެވެ. ޒައިނާ ހީލިއެވެ. ޒައިނާ ގޮސް އާލިމްގެ އަތުގައި ހިފައިލިއެވެ. މާޒިން އެމީހުންނަށް ބަލައިލުމަށްފަހު ނިތް އަރުވައިލިއެވެ. އީމާން ވެސް އާލިމް އަށް ބަލައިލުމަށްފަހު ހީލިއެވެ. އަދިވެސް އާލިމް އާއި ދޭތެރޭ އެމީހުން ދެކޭގޮތް ބަދަލުނުވާކަން ޒައިނާ އަށް ޔަގީންވިއެވެ. އިސްޖަހައިލުމަށްފަހު ޒައިނާ އާލިމް އަށް ބަލައިލިއެވެ. އާލިމް މަސްނޫއީ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދުރަށް ހިނގައިގަތެވެ.
"ވީ ސްޓިލް ޑޯންޓް ލައިކް ހިމް" މާޒިން ބުނެލިއެވެ. އީމާން މާޒިންގެ އަތުގައި ހިފައިލިއެވެ. ޒައިނާ ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު ދާން ހިނގައިގެތެވެ.
އާއިލާގެ މީހުންނާއި ހުރިހާ ރައްޓެހިންވެސް ހަމަވެއްޖެއެވެ. މެހެމާނުން އަންނަ ގަޑިވެސް ވަނީ ކުޑަތަންވެފައެވެ. އެތަނުގައި މަދީ މާޝާ، ސަބާގެ އިތުރުން ރާނީ އެވެ.
"ހާދަ ވަރަކަށޭ އެ ތައްޔާރު ވަނީ" ގަޑި ބަލައިލަމުން ޒިއަން ބުނެލިއެވެ.
ލޯގަނޑު ކުރިމަތީގައި އިށީންދެ އިން ރާނީގެ ބޮލުގައި އެކިކަހަލަ ހިޔާލުތައް އެނބުރެމުން ދިޔައެވެ. އަމިއްލަ ނަފްސަށް ބަލަން މިހެން ކިތަންމެ އިރަކު ވެސް އިނދެވިދާނެއެވެ. ނަމަވެސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ.
"ރާނީ ހިނގާ ދާން" ސަބާ އައިސް ރާނީގެ ކޮނޑުގައި ހިފައިލިއެވެ.
"ލެޓްސް ގޯ... އެންމެން އެބަތިބި ރާނީ އަންނަން ދެން" މާޝާ ވެސް ބުނެލިއެވެ. އަދި މޭޒުމަތީ އޮތް މާބޮނޑި ރާނީގެ އަތަށް ދިނެވެ.
ކޮޓަރިން ނިކުތުމުގެ ކުރިން ފަހުފަހަރަށް ރާނީ ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. އަދި ބާރަށް ލޯ މަރައިލިއެވެ. ކޮޓަރިން ނިކުތުމަށްފަހު ކުރިއަށް ފިޔަވަޅެއް އަޅަން އުޅެފައިވެސް ރާނީ ފުރަގަހަށް އެނބުރުނެވެ.
"ހިނގާ ބަދަލުކޮށްލަން" ބޮލުގައި އަތްލަމުން ރާނީ ބުނެލިއެވެ.
"ދެން ހިނގާބަލަ... ޔޫ ލުކް ވެރީ ބިއުޓިފުލް... ޓްރަސްޓް މީ" ރާނީގެ އަތް ތިރިކޮށްލަމުން މާޝާ ބުނެލިއެވެ. އެޔާއި އެކީ ވަރަށް ހިތްވަރުކޮށްފައި ރާނީ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.
އެކި ކަންކަމަށް މަސްއޫލުވެގެން ތިބި އެންމެންގެ ސަމާލުކަން އެވަގުތު ހުއްޓުނީ ސިޑިން ފައިބައިގެން އަންނަ ރާނީ އަށެވެ. ރާނީ ފެނުމުން ދެލޯ ބޮޑުވީ ޒިއަން އެކަންޏެއް ނޫނެވެ. އެވަގުތު އެތަނުގައި ތިބި އެންމެން ތިބީ ރާނީ އަށް ނަޒަރު ހުއްޓައިލައިގެންނެވެ.
ފަހަރަކު ފިޔަވަޅެއް ތިރިއަށް އަޅަމުން ދިޔަ ރާނީ ހުރީ އެންމެން ބަލަމުން ދާތީ ވަރަށް އުނދަގޫވެފައެވެ. އަދި އެހާމެ ބާރަށް ހިތްވެސް ތެޅެމުން ދިޔައެވެ. އެންމެންގެ ތެރެއިން ރާނީގެ ލޯ ހޯދަމުން ދިޔައީ ޒިއަންއެވެ. ރައްޓެހިން ކައިރީ ހުއްޓިގެން ބަލަން ހުރި ޒިއަން، ރާނީގެ ލޮލުގައި އަޅައިގަތެވެ. ރާނީ ސިޑިން ތިރިއަށް ފައިބިއިރު ޒިއަން ހުރީ އައިސް ސިޑި ކައިރީއެވެ. ރާނީ ތިރިއަށް ފޭބުމުން، ޒިއަން ރާނީގެ އަތުގައި ހިފައިލިއެވެ. އަދި ރާނީގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެއްކޮށް ހާމައަށް އޮތް އެ މޫނަށް ޒިއަން ވަރަށް ފުންކޮށް ބަލައިލިއެވެ. މިއީ އެކީ މޫނު ދައްކައިގެން ރާނީ މީހުންގެ ތެރެއަށް ނިކުތް ފުރަތަމަ ފަހަރުކަން ޔަގީނެވެ. މޫނުގައި ކޮށްފައި ހުރި ލުއި މޭކަޕުގެ ސަބަބުން ރާނީގެ މޫނު ދިޔައީ ވިދަމުންނެވެ. އިސްތަށިގަނޑު ފަހަތައް އައްސައި ބޮޑު ހުޅިއެއް ޖަހައިފައިވާއިރު، ބައެއް އިސްތަށިކޮޅު ކަންހުޅި ކައިރިން ވައްޓައިލައިފައި ހުއްޓެވެ. ލައިގެން ހުރި ހުދުކުލައިގެ ކައިވެނި ހެދުން ހުރީ ރާނީގެ ގަޔަށް ހިފާލައިފައެވެ. ހެދުމުގެ އެއްބައި ތިރީގައި ދެމެމުންދިޔައިރު، ރާނީގެ ރީތި ބައްޓަން ވަރަށް ރީއްޗަށް އިނގެން ހުއްޓެވެ. ރާނީ އަށް ބަލަންހުރި ޒިއަން ސިއްސައިގެން ދިޔައީ ޝާހިދު އައިސް ގޮވައިލުމުންނެވެ. އެންމެންވެސް އުންމީދުކުރި ގޮތައީ ހިލާފަށް ރާނީގެ މޫނު އެކީ ހާމަކޮށްގެން އައުމުން، އެންމެން ވެސް ތިބީ ކުއްލި ޝޮކެއްގައެވެ.
"ބިރުނުގަނޭ..." ރާނީގެ ބޮލުގައި ފިރުމައިލަމުން ޝާހިދު ބުންޏެވެ.
"ދެން އެންމެން ބަލައިގެން ރާނީ ލަދުގަންނާނީ... ހިނގާ އެކޮޅަށް މީހުން އަންނަން ފަށައިފި މިހާރު" ޒައިނާ އައިސް ރާނީގެ އަނެއް އަތުގައި ހިފައިލިއެވެ.
ޒިއަން އާއި ރާނީ ހުއްޓިލައިގެން ތިބެ، މެހެމާނުންނާއި ސަލާމްކުރަމުން ދިޔައެވެ. އެންމެންވެސް ފުރަތަމަ ބަލައިލަނީ ރާނީގެ މޫނަށެވެ. ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ސަބަބުން މީހުންގެ ހިތްތައް ލޯބިން ފުރަމުން ދިޔައެވެ.
"ފައިނަލީ ރާނީ އަށް ކެރިއްޖެ" ދުރުގައި ބަލަންހުރި މަޒިން ބުނެލިއެވެ. އީމާން ބޯ ޖަހައިލިއެވެ.
"ޝީ އިޒް އެން އޭންޖެލް އަސްލު... މޫނަށް އެހެން ނުވި ނަމަ އަދި ކިހާ ލޯބި ވާނެ" އަނެއްކާވެސް މާޒިން ބުނެލިއެވެ.
"އޭރަށް ކަލޭ ކަންނޭންގެ ދުވާނީ ރާނީ ފަހަތުން... އެންމެ ފުރަތަމަ ރާނީ ފެނުންއިރަށް ހަންޑިއެކޭ ގޮވަމުން ބިރުން ދުވުނު މީހެކޭ ކަލޭ ތީ... މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް" މާޒިން އާއި ދިމާކޮށްލުމުގެ ގޮތުން އީމާން ބުނެލިއެވެ. އެއަޑަށް ކައިރީ ތިބި ސަބާ އާއި މާޝާ ވެސް ހޭންފެށިއެވެ. އީމާން ދެން ކިޔައިދޭން ފެށީ އެރޭ މާޒިން ބިރުން އުޅުނު ވާހަކައެވެ.
"މީހުން ބަލާތީ ވަރަށް އުނދަގޫވޭ" ވަރަށް ސިއްރުން ރާނީ ބުނެލިއެވެ.
"މީހުން ކިތަންމެ ބެލިއަސް ނުލިބޭނެ... ޔޫ އަރ މައި ކްއީން" ޒިއަން ވެސް ރާނީގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ރާނީ ކައިރިއަށް ހިނިއައެވެ. ޒިއަން ރާނީގެ އަތުގައި ހިފައިލިއެވެ.
"ހިނގާ އެންމެން ފޮޓޯއެއް ނަގަން" މީހުން މަދުވުމުން ޒައިނާ ގޮވައިލިއެވެ.
އެޔާއި އެކީ އެންމެން އައިސް ދެމީހުން ކައިރީ މަޑުކޮށްލިއެވެ. ޒިއަންގެ މަންމަ އާއި ބައްޕަގެ އިތުން ޒައިނާ އެވެ. ސަބާ އާއި މާޒިން އަދި އީމާން އާއި މާޝާ އެވެ. ދުރުގައި ހުރި އާލިމް އަށް ޝާހިދު ގޮވައި ގެނައުމުން އެންމެންވެސް ފުރަތަމަ ތިބީ ހައިރާންވެފައެވެ.
"އީމާން ކަލޭ ދަތްތައް ދައްކާނެ ކަމެއް ނެތް" ފޮޓޯ އަށް އެންމެން ތައްޔާރުވެ، ހިމޭންވިވަގުތު މާޒިން ގޮވައިލިއެވެ. އެޔާއި އެކީ އެންމެން އެއްފަހަރާ ހީގަތެވެ. ރާނީ ވެސް ޒިއަންގެ މޫނަށް ބަލައިލުމަށްފަހު ހީލިއެވެ.
"ފުރަތަމަ ނަޒަރުން ހިތް އަދު ދެވުނީ
ހިތްގައިމު އަޑުން ފިނިކަން ލިބުނީ
ޔާރާ ތީ މިހިތުގެ ރާނީ އޭ"
ގިޓާ ކުޅެލަމުން ޒިއަން ކިޔައިލިއެވެ.
(ނިމުނީ)
-"ބުރުސޫރަ" މިވާހަކަ ކީ ހުރިހާ ކިޔުންތެރިންނަށް ޝުކުރު ދަންނަވަން-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް