ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފް ގައި ސައުތު ކޮރެއާ އަތުން 2-0 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ގްރޫޕް ސްޓޭޖާ ހިސާބުން ވޯލްޑް ކަޕަށް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
މިރޭ ގްރޫޕް އެފްގެ ދެ މެޗު އެއް ވަގުތެއްގައި ކުރިއަށް ދިޔައިރު، ސްވިޑުން އިން ވަނީ 3-0 އިން މެކްސިކޯ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ކަށަވަރު ކޮށްފައެވެ. މި ގްރޫޕުން ގަދަ 16 އަށް ދެން ދިޔައީ މެކްސިކޯ އެވެ.
މިރޭ ސްވިޑުން އިން ހޯދާ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން ޖެހޭނެކަން އެނގިތިބެ މެޗަށް ނުކުތް ޖަރުމަނުން މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ކޮރެއާގެ ޑިފެންސް ޖަރުމަނަށް ފޫއަޅުވާ ނުލެވުނުއިރު، ހާއްސަކޮށް މިރޭގެ މެޗުގައި ޖަރުމަނު ލަނޑެއް ޖެހިޔަ ނުދީ ހިފެހެއްޓުމުގައި ކޮރެއާގެ ގޯލް ކީޕަރުގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.
މޮޅަކަށް ބޭނުންވެފައި އޮތް ޖަރުމަނަށް މެޗުގެ އިތުރު ވަގުތުގައި ލަނޑު ދިނީ ކިމް ޔަންގް-ގްވޮން އާއި ސަން ހުއެންގް-މިން ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު އޮފްސައިޑްކަމަށް ރެފްރީ ނިންމުމަށްފަހު ވީއޭއާރް ރިވިޔު އަކަށް ގޮސް ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ. ދެން ޖެހި ލަނޑަކީ ޖަރުމަނުގެ މުޅި ޓީމު ކުރިއަށް ޖެހިފައިވަނިކޮށް، ގޯލްކީޕަރ ނޯއާ އަތުން ބޯޅަ ހޯދާ ކޮރެއާގެ ކުޅުންތެރިއެއް އެ ޓީމުގެ ހާފުގެ ތެރެއިން ގޯލަށް ފޮނުވާލުމުން ސަން އެ ބޯޅައަށް ދުވެ ހޯދައިގެން ޖެހި ލަނޑެކެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓިއިރު، މި މަންޒަރު ފާއިތުވި 3 ވޯލްޑް ކަޕްގައި ވެސް މި ވަނީ ފެނިފައެވެ. 2006 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އިޓަލީ 2010 ގެ ވޯލްޑް ކަޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 2010 ގައި ޗެމްޕިއަންކަން ހޯދި ސްޕެއިން 2014 ގެ ވޯލްޑް ކަޕްގައި ވެސް ކެޓީ ހަމަ ގްރޫޕް ސްޓޭޖުންނެވެ.
ޖަރުމަނަށް ގްރޫޕްގެ ފުލުގައި އެންމެ 3 ޕޮއިންޓާއެކު އޮވެ މި ވޯލްޑް ކަޕް ނިންމާލަން ޖެހުނުއިރު، މިއީ ފާއިތުވި 80 އަހަރުގެ ތެރޭގައި ވެސް ވޯލްޑް ކަޕަކުން ޖަރުމަނުގެ ޓީމަކަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް