އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށްވެސް މަޖިލީހުން ރުހުން ދިނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދެއްވީ ވޯޓުގައި ބައިވެރިވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީވެސް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ.
އާ އުއްތަމަ ފަނޑިޔާރަކާއި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކޮށްފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޝަރުއީ ހުރިހާ މަރުހަލާ އަކުން އެގޮތަށް ނިންމުމުންނެވެ.
އެ ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމާއެކު، އޮޓޮމެޓިކުން މަގާމުން ވަކިވާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. ކުރިން ނަމަ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރަައްޔިތުންގެ މަޖިލީހުގައި ވޯޓު ލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް