އިންތިހާބަށް ކުރިމަތި ލުމުގެ ތާރީހު ފަސް ކުރަނީ!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ކަނޑައަޅާފައިވާ ތާރީހު ފަސް ކުރަން ޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ރިޔާސީ އި...

27 Jun 2018 | 14:49

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ކަނޑައަޅާފައިވާ ތާރީހު ފަސް ކުރަން ޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައި އޮތީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކޮމިޝަނުގެ ވިސްނުން ހުރީ އެ ތާރީހު ފަސް ކުރަން ކަމަށެވެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ ވިދާޅުވީ ފަހަރުގައި އެ ތާރީހު ޖުލައި 22 ނުވަތަ 23 ވަނަ ދުވަހަށް ފަސް ކުރަން ޖެހިދާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ މި ބަދަލު ގެންނަނީ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ބައެއް ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުން ފަދަ ކަންކަން ކުރިއަށް ހުރި ކަމުގެ މައުލޫމާތު ވެސް ނުރަސްމީކޮށް ލިބެމުންދާތީ އާއި މިހާރު ކަނޑައަޅާފައި އޮތް ތާރީޚާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުން ނުރަސްމީކޮށް ސުވާލު ކުރަމުން އަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

އީސީން ބުނީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ތާރީހު ފަހަރުގައި ބަދަލުވިޔަސް ވޯޓުލާ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 23 އަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ކުރާ ކަންކަމަށް ކަނޑައަޅާފައިވާ ތާރީތައް ކޮންމެސް ވަރަކަށް ބަދަލު އަތުވެދޭނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ތާރީހު ބަދަލު ކުރުމާއި މެދު އީސީން ވިސްނަމުން ދާއިރު ރިޔާސީ ދައުރު ފެށޭ ތާރީހާއި މެދު އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވެފައި އެވެ. ޝަރީފު ވިދާޅުވީ ރިޔާސީ ދައުރުފެށޭ ތާރީހަކީ ނޮވެމްބަރު 11 ތޯ ނުވަތަ 17 ތޯ ކޮމިޝަނުގައި މަޝްވަރާ ކުރުމަށް ފަހު ހައްލެއް ނުގެނެވުމުން އެކަމުގައި ބަނޑާރަ ނައިބުގެ ލަފާފުޅަކަށް އެދިފައިވާނެ ކަމަށެވެ،

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް