ފަހު ވަގުތު ހޯދި މޮޅާއެކު އާޖެންޓީނާ ގަދަ 16 އަށް. ބައްދަލު ކުރަން ޖެހޭނީ ފްރާންސްއާ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީ ގައި ނައިޖީރިއާ އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ރޯހޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އާޖެންޓީނާ މޮޅުވެ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ. މި ގްރޫޕްގައި ކްރޮއޭޝިއާ އާއި އައިސްލޭ...

26 Jun 2018 | 20:25

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީ ގައި ނައިޖީރިއާ އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ރޯހޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އާޖެންޓީނާ މޮޅުވެ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

މި ގްރޫޕްގައި ކްރޮއޭޝިއާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗު 2-1 ން ކްރޮއޭޝިއާ ކާމިޔާބުކޮށް ގްރޫޕްގެ އެއް ވަނަ ހޯދުމުން، އާޖެންޓީނާއަށް ގަދަ 16 ގެ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ސީ ގެ އެއް ވަނަ ހޯދި ފްރާންސް އާއެވެ. ކްރޮއޭޝިއާ ނުކުންނާނީ ގްރޫޕް ސީ ގެ ދެ ވަނަ ހޯދި ޑެންމާކް އާ ދެކޮޅަށެވެ.

މޮޅަކާއެކު ނޫން ގޮތަކަށް ދެ ވަނަ ބުރަށް ދެވެން ނެތް އާޖެންޓީނާއަށް މިރޭގެ މެޗުގެ ކުރީކޮޅު އުންމީދެއް ގެނެސްދިނީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ޖެހި ލަނޑުންނެވެ. މެޗުގެ 14 ވަނަ މިނިޓުގައި ބެނެގާ ނައިޖީރިއާގެ ޑިފެންޑަރުންގެ ބޯމަތިން ވައްޓާލި ބޯޅައެއް ހިފައިގެން އަރާ މެސީ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.

ފުރަތަމަ ހާފު އާޖެންޓީނާގެ މޮޅު ކުޅުމާއެކު އެ ޓީމު ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ ނައިޖީރިއާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އާޖެންޓީނާ އޭރިއާގެ ތެރެއިން ބަލޮގަން އަށް މަޝަރާނޯ ކުރި ފައުލްއަކަށް ރެފްރީ ވަގުތުން ޕެނަލްޓީ ދިންއިރު، ވީއޭއާރް ރިވިއު އަށްފަހު ވެސް ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ. މި ޕެނަލްޓީ ނައިޖީރިއާއަށް ކާމިޔާބު ކޮށްދިނީ ވިކްޓާ މޯސަސް އެވެ.

މެޗު އެއްވަރުވާން ދަނިކޮށް އާޖެންޓީނާ 86 ވަނަ މިނިޓުގައި ސަލާމަތްކޮށްދިން ލަނޑު މާކޮސް ރޯހޯ ޖެހީ މާކަޑޯ އޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

އުނދަގުލާއެކު އާޖެންޓީނާ ގަދަ 16 އަށް ދަތުރުކުރިއިރު، އެ ޓީމަށް ފްރާންސްއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް