މިދިޔަ އަހަރު ހިޔުމަން ރައިޓްސް ކޮމިޝަން އެދް މޯލްޑިވްސް( އެޗްއާރްސީއެމް ) އަށް ލާއިންސާނީ އަނިޔާ ކުރިކަމަށް ބުނެ 34 މައްސަލައެއް ހުށަހެޅުނު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާއި ގުޅުވައިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދަކީ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ދުނިޔެއިން ނައްތާލައި، ޓޯޗަރގެ ޢަމަލުތަކަކީ އެއްވެސް ދައުލަތަކުން ޤަބޫލު ކޮށްގެންވާނޭކަމެއްނޫންކަން ހާމަކޮށްދިނުން ކަމުގައެވެ.
އަދި މި ބަޔާނުގައި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާއިން އެއްކިބާވެ ހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކޮމިޝަނުން ބުނީ، ލާއިންސާނީ އަނިޔާކުރިކަމަށް ބުނެ މިދިޔަ އަހަރު ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި، ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ބަންދުކޮށްފައިހުރި މަރުކަޒުގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭކަމަށެވެ.
އެހެންކަމުން، މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތު ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައިތިބޭ މަރުކަޒުތަކަށް ކޮމިޝަނުން ގޮސް ބަލާބެލުމުގައި ރަނގަޅުކުރަން ޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ރަގަނޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، އެކަންކަން ރަނގަޅު ކުރަމުން ދޭތޯ ޤަވައިދުން ބަލަމުން އަންނަކަމަށް އެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް