އާންމު ހުރިހާ ހިދުމަތްތަކަށް މާދަމާއިން ފެށިގެން މާލޭގައި ލުއި ދޭން ނިންމައިފި

މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދޭން ސަރުކާރުން ނިންމައިފި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެތްލް މިނިސްޓަރު އަބްދުﷲ އަމ...

27 May 2020 | 16:59

މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދޭން ސަރުކާރުން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެތްލް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމާއި އެކު މާލޭ ސިޓީ ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކާއި ބަލި ފެތުރުމުގެ ކުރިން ދުރާލާ ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެނިއްޖެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ނަތީޖާއަށް ބަލައި މާލޭގެ ލޮކްޑައުންއަށް ލުއި ދިނުން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އަޅާ ފިޔަވަޅުތަކާއި ގުޅިގެން ބަލި ފެންނަލެއް އިތުރުވޭތޯ ދެ ހަފްތާވަންދެން ބަލާނެ ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ފިޔަވަހީގައި މާދަމާއިން ފެށިގެން ލުއި ދޭން ނިންމާފައިވާ ހިދުމަތްތަކަކީ:

- ކޮންމެ ގޭ ބިސީއަކުން ދުވާލަކު ތިން މީހުންނަށް އެއް ފަހަރާ ގެއިން ނުކުމެވޭނެ، ނުކުމެ އުޅެވޭ ޒޯން އިތުރުވާނެ

- އިގްތިސޯދީ ހަރަކާތްތަކުގެ ތެރެއިން ރީޓެއިލް ހުރިހާ ފިހާރަތަކާއި އޮންލައިން ފިހާރަތަށް ހުޅުވައި ހިދުމަތް ދެވޭނެ

- ފުރަތަމަ ދެ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ތިން ދުވަހު ދެވޭނެ، އޭގެ ފަހުން ހަފްތާގެ ފަސް ދުވަހު ބޭންކުތަކުގެ ހިދުމަތް ދެވޭނެ

- މާދަމާއިން ފެށިގެން ކެފޭ ރެސްޓޯރެންޓުތަކުގައި ޓޭކްއަވޭ ހިދުމަތް ދެވޭނެ

- މަސް މާރުކޭޓު އާންމުކޮށް ހުޅުވާނެ

- ޓެކްސީތަކާއި ޕިކަޕްތަކުގެ ހިދުމަތް ފެށޭނެ

- ފްލޫ ކްލިނިކްތަކަށް ހިދުމަތް ހޯދަން ދެވޭނެ، ސިއްހީ ހިދުމަތް ދޭ ތަންތަން ހުޅުވާއިރު ކްލިނިކްތަކުން އޮންލައިންކޮށް ހިދުމަތް ހޯދޭނެ

- ހާއްސަ ހުއްދަ އަކާއި އެކު ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ

- ސަރުކާރު އޮފީސްތަކަށް އެންމެ މަދުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެ

- ޔުނިވާސިޓީ/ ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން

މިނިސްޓަރު ވިދާޅުވީ މި ލުއިތަކާއި އެކު ދިރިއުޅުމަށް އަންނަ ބަދަލުން ކޯވިޑް ފެތުރުން މާބޮޑަށް އިތުރު ވެއްޖެ ނަމަ އެނބުރި ލޮކްޑައުންއަށް ދާންޖެހޭނެ ކަމަށެވެ. ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން މުޅިން އުވާނުލައި ލުއިދޭން ނިންމީ އަދިވެސް ކޯވިޑް-19 އާއްމުންގެ ތެރެއިން ފިލައިގެން ނުދާތީ ކަމަށެވެ.

މި ފިޔަވަހީގައި ލުއި ނުދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސްކޫލް ތަކުގެ ކިޔަވަން ފެށުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ހުރި ފިޔަވަޅުތައް ހިމެނެ އެވެ. އަދި ޕާކްތަކާއި ބީޗް ފަދަ ތަންތަން ނުހުޅުވަން ނިންމާފައިވާއިރު ކެފޭ އަދި ރެސްޓޯރަންޓްތައް އާއްމުކޮށް ހުޅުވައެއް ނުލާނެ އެވެ.

ޖިމްތަކާއި ސެލޫންތަކަށްވެސް ހިދުމަތް ދިނުމުގެ ހުއްދައެއް ނުދެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓާއި ފެރީގެ ހިދުމަތާއި ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވައެއް ނުލާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ލޮކްޑައުންގެ ލުއިތަކާއި އެކު މަގުމަތީގައި އާއި ވަޒިފާ އަދާ ކުރާ ތަންތަނުގައި އުޅޭއިރު މާސްކު އަޅަން ޖެހޭނެ އެވެ. އަދި އިޖްތިމާއީ ގައިދުރު ކަމަށް މުހިންމު ސަމާލުކަމެއް ދީ، އޮފީސްތަކުގައި މުވައްޒަފުންގެ ޓެމްޕަރޭޗާ ބަލަން ޖެހޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ ވައިރަސް ފެތުރެމުންދާ ނިސްބަތް ދަށް ކުރެވިފައިވަނީ ރޭވުންތެރިކަމާއި އެކު ދުރާލާ ފިޔަވަޅުއެޅިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ފެނިގެން މިދަނީ ފަންނީ މާހިރުންގެ ލަފާ އިސްކޮށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައިގެން ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް