ހެނދުނު ހެނދުނާ ތެދުވެ ގަޑިއަށް އޮފީހަށް ދިއުމާއި، އޮފީހުގައި ހޭދަ ކުރަންޖެހޭ ވަގުތު ގިނަ ވެފައި އާއިލާއަށް ދެވޭ ވަގުގުތު ކުޑަކަމަށް ބުނުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވަޒީފާއަށް ދާ މީހުން ކުރާ ޝަކުވާ އެކެވެ.
ގޭގައި އާއިލާ ކައިރީގައި ހުރެގެން މަސައްކަތް ކުރެވޭ ނަމަ މާ ހިތް ހަމަ ޖެހޭނެ ކަމަށް ބުނެ އެވެ. ވަޒީފާ އަދާ ކުރުމަށް ފަހު އޮފީހުން ގެއަށް ދާއިރު ލަސްވުމާއި ވަރުބަލިވެފައި ހުންނަ ވަރުން ހުރިހާ ރުޅިއެއް އޭރު ބާލަނީ އޮފީހަށާއި ވެރިންނަށެވެ.
އެކަމަކު ވަޒިފާއަށް އޮފީހަށް ނުގޮސް ވާނެ އެއްގޮތެއްވެސް ނޯވެއެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ. އަނބިދަރިންނަށް ކާންބޯންދޭން އަދި ދިރިއުޅެން ފައިސާ ހޯދަން ޖެހެ އެވެ.
އެހެންވެ އެންމެންވެސް ބުނަމުން ދިޔައީ ގޭގައި ވަޒީފާ އަދާ ކުރާ މީހުންނަށް މާ ފަސޭހަ ވެފައި އަރާމުވާނެ ކަމަށެވެ. އެފަދަ ފުރުސަތަކަށް އިންތިޒާރުކޮށްލަ ކޮށްލަ ތިއްބަ ކުއްލި އަކަށް މަޖުބޫރީ ހާލަތެއްގައި ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެތައް މިލިއަން މީހުންނަށް ގޭގައި މަސައްކަތް ކުރަން ފަށަން ޖެހުނީ އެވެ.
އެ ހިސާބުން ވެރިން ރަނގަޅުވެ ލިބުނީ ރަނުގެ ފުރުސަތެއް ކަމަށް އެންމެން ހީކުރި އެވެ. އެކަމަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޮކްޑައުންގައި ގޭގައި ތިބެގެން މަސައްކަތް ކުރާތާ ދެ މަހެއްހާ ދުވަސް ފަހުން މިހާރު ވެރިން ގޮސްވެ އޮފީސް ގޯސްވެ މިއަށްވުރެ އޮފީހަށް ގޮސްގެން ވަޒީފާ އަދާކުރުން މާ ރަނގަޅު ކަމަށް ބުނަން ފަށައިފި އެވެ.
ގޭގައި މަސައްކަތް ކުރަން ޖެހުމަކީ މާ ބުރަ ބޮޑު ކަމެއް ކަމަށް ބުނާ މީހުން މާ ގިނަ ވެއްޖެއެވެ. އޮފީހުގެ ރަސްމީ ގަޑީގައި އޮންލައިންގައި އިނދެގެން މަސައްކަތް ކުރަން ޖެހެ އެވެ. ކައިރީގައި ދަރިން ނުވަތަ މައިންބަފައިން ފެންނަން ހުންނަކަން އެކަންޏެވެ. މަސައްކަތުގެ ގަޑީގައި ގޭގެ އިތުރު ކަމަކަށް ބަލައެއް ނުލެވެ އެވެ.
އޭގައި މައްސަލައެއް ނެތެވެ. އެއީ ރަސްމީ ގަޑިއެވެ. އެކަމަކު މިހާރު އޮފީހު މަސައްކަތް ކުރުވާކަށް ރަސްމީ ގަޑިއެއް ނުގަޑިއެއް ނޯވެ އެވެ. ކުއްލި އަކަށް ރޭގަނޑުވެސް މަސައްކަތް ކުރަން ޖެހިދެ އެވެ. އޮފީހުގެ ރަސްމީ ގަޑި ނިމޭ ފަހުން ހަވީރުވެސް މަސައްކަތް ހަވާލު ކުރަނީ އެވެ.
ރޭގަނޑު ހަވާލު ކުރާ މަަސައްކަތެއް އަނެއް ދުވަހުގެ ހެނދުނަށް ނިންމާލަ ދެއްޗޭ ބުނުމުން ދަންވަރުވެސް މިޖެހެނީ އޮފީހުގެ މަސައްކަތް ކުރާށެވެ. ވެރިންގެ ފަރާތުން ސަލާމަތް ވާނެ ހަމަ އެންމެ ވަގުތުކޮޅެއްވެސް ނާދެ އެވެ. ހީކުރި ގޮތަށް ނުވެ ގޭގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން މިހާރު އެންމެން ގަބޫލު ކޮށްފި އެވެ.
އެހެންވެ ހުރިހާ ގައުމެއްގައިވެސް މިހާރު ވަޒިފާ އަދާ ކުރާ އެންމެން އިންތިޒާރު ކުރަމުން ދަނީ ލޮކްޑައުން ނިމި އަވަހަށް އޮފީސްތަކަށް ވަޒީފާއަށް ނުކުންނަން ޖެހޭނެ ދުވަހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް