އެމްޑީޕީ ބައިބައި ނުވާނެކަން ހާމަކޮށް ހައިރާން ކުރުވަނިވި ގޮތަކަށް މަޖިލީހުގެ ރައީސަކަށް ނަޝީދުގެ ނަން ހުށަހަޅަން ފާސްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މިރޭގެ ބައްދަލުވުން ފެށުމާއި ހަމައަށްވެސް ބެލެވެމުން ދިޔައީ އެ ޕާޓީގެ ބަދަހިކަމަށް މިރޭ ބޮޑު ލޮޅުމެއް އަރާނެ ކަމަށެވެ. ކޮންމެވެސް ސިފައެއް ބައިބަ...

27 May 2019 | 17:21

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މިރޭގެ ބައްދަލުވުން ފެށުމާއި ހަމައަށްވެސް ބެލެވެމުން ދިޔައީ އެ ޕާޓީގެ ބަދަހިކަމަށް މިރޭ ބޮޑު ލޮޅުމެއް އަރާނެ ކަމަށެވެ. ކޮންމެވެސް ސިފައެއް ބައިބައިވުމެއް އުފެދިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް ކަން ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަގޮތަކަށެވެ.

މިރޭގެ ބައްދަލުވުމުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނަވާ ވޯޓުތަކަށް އައްސަވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ އެއްސެވީ ވިޕްލައިނެއް ނެރޭނީތޯ އެވެ. އެކަން ފާސްވެގެން ދިޔައީ 64 މެމްބަރުންގެ އިއްތިފާގުންނެވެ. ދެން ރައީސް ނަޝީދު މެމްބަރުން ކުރެން އެއްސެވީ މަޖިލީހުގެ ރައީސަކަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ފަރާތެއް ހުށަހެޅުމަށެވެ.

އެއާއެކު މެމްބަރު އީވާ ހުށަހެޅުއްވީ އަސްލަމްގެ ނަމެވެ. އިލްޔާސް ލަބީބި އަސްލަމްގެ ނަމަށް ތާއީދުވެސް ކުރެއްވިއެވެ. ނަމަވެސް ދެން ތެދުވެ ވަޑައިގެން އަސްލަމް ވިދާޅުވީ އޭނާ އާއި ދެން ވާދަކުރާނެ ކަމަށް ބެލެވުނު މެމްބަރު އަފީފް އާއި މަޝްވަރާ ކުރެވި މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދުގެ ނަންފުޅު ހުށަހަޅުއްވަން އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

އެކަމުން އެންމެ ފުރަތަމަ ރައީސް ނަޝީދު ތަނާޒިލު ވެލެއްވިއެވެ. ނަމަވެސް މެމްބަރު އަފީފް ތެދުވެ ވަޑައިގެން ރައީސް ނަޝީދުކުރެން އެކަމަށް ތަކުރާރުކޮށް އެދިލެއްވިއެވެ. އެއާއެކު ރައީސް ނަޝީދު ވިދާޅުވީ ގޮތެއް ނިންމެވުމުގެ ކުރިން އެންމެ ފޯނު ކޯލެއް ކުރައްވަން ބޭނުންފުޅުވާކަމަށެވެ. އަދި އެއަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެކަމަށް އެއްބަސް ކަމަށެވެ.

އެއާއެކު ވޯޓަށް އެހުމުން އެ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުން ފާސްވެގެން ދިޔައީ އެމްޑީޕީގެ ފަރާތުން ވިޕްލައިނަކާއެކު މަޖިލީހުގެ ރައީސް ކަމަށް ނެރޭނީ ރައީސް ނަޝީދު ކަމަށެވެ.

އެއަށްފަހު ދެން ހުޅުވާލީ ނައިބު ރައީސްގެ ގޮތުގައި އެމްޑީޕީން ހުށަހަޅުއްވާނެ ބޭފުޅަކު ހުށަހެޅުއްވުމަށެވެ. އެއާއެކު އީވާގެ ނަން ހުށަހެޅިގެން ދިޔައެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ލިބި ވޯޓަށް އެހުމުން އީވާގެ ނަންވެސް ފާސްވެގެން ދިޔައީ 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންމެއަކަސް މިރޭ މި ވެގެންދިޔައީ ގިނަ ބަޔަކު ހީ ނުކޮށް ތިބި ގޮތަކަށެވެ. ނަމަވެސް މިރޭވެސް އެމްޑީޕީން މި ސާބިތުކޮށްދިނީ ޑިމޮކްރެޓިކް ރިވެތި އުސޫލު ނަގަހައްޓާ ދެމެހެއްޓުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަން ކަމުގައި މިރޭ މި ފެނުނު ބަދަލާއެކު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ގިނަ ބަޔަކު މިހާރު އަންނަނީ ރައީސް ނަޝީދަށާއި އީވާއަށް މަރުހަބާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް