ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި 30 މީހުން މަރުވެ ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެއެވެ.
ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން 30 މީހުން ފެނިފައިވާކަމަށާއި އޭގެތެރޭގައި 12 އަންހެނުންނާއި 11 ކުޑަކުދިން އަދި ހަތް ފިރިހެނުން ހިމެނޭކަމަށް ބޭރުގެ މީޑިއާތަކުގައި ހާމަކޮއްފައިވެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އެ ސަރަހައްދުގެ މޭޔަރު ބުނެފައިވަނީ އެ ބޯޓުގައި 350 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި ސަލާމަތްވެފައިވަނީ 183 މީހުންކަމަށެވެ. އަދި ހުއްދައެއް ނެތި ގަވާއިދާހިލާފަށް ގައުމަށް އެތެރެވާ ގިނަ ބަޔަކު އެ ބޯޓުގައި ތިބިކަމަށް ބެލެވޭތީ އެ ބޯޓުގައި ދަތުރުކުރި މީހުންގެ ސީދާ އަދަދެއް އަދި ނޭނގޭކަމަށްވެސް މޭޔަރު ބުނެފައިވެއެވެ.
މިކަހަލަ ގިނަ ހާދިސާތައް ކޮންގޯގައި ހިނގާއިރު، އިތުރު ނުރައްކަލަކަށް ވަނީ ގިނަ މީހުންނަށް ފަތަން ނޭނގޭއިރު ބޯޓްތަކުގައި ލައިފް ޖެކެޓް ނެތުމުން ކަމަށް ބޭރުގެ މީޑިއާއެއްގައި ބުނެފައިވެއެވެ. އަދި ބޯޓްއަށް އެރޭވަރަށް ވުރެ ގިނައިން މީހުން އަދި މުދާ އެރުވުމަކީ މިކަހަލަ ކަންކަން ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބުކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް