ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ހާއްސަކޮށްގެން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ. މީގެ ތެރޭގައި އަލަށް ތައާރަފްކުރާ ރީޓ...

27 May 2019 | 06:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ.

މީގެ ތެރޭގައި އަލަށް ތައާރަފްކުރާ ރީޓެއިލަރސް ފައިނޭންސިންގ، ބިޒްނަސް ޑިވެލޮޕްމަންޓް  ފައިނޭންސިންގ، ލެޓަރ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށް ބަދަލުވެސް ވަނީ ގެނެސްފައެވެ. އަދި ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބޭނެއެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގ އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000  ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށެވެ. އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނޭނެ ކަމަށާއި، ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސްދުވަހަށް ބަހާލެވޭ އޯވަރޑްރާފްޓްގެ ޚިދުމަތްވެސް ލިބޭނެއެވެ. 500,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި، ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި، އާ މުދާ ނުވަތަ މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ފައިނޭންސިންގ އެކެވެ. އެމްއެމްއޭ ގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ ދަށުންވެސް މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އަލަށް ވިޔަފާރިފެށުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިދަނީ ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން ކަމަށާއި، މިއަދު މި ތައާރަފްކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް ކަމުގައެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް