ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީއިން އެކަނި 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި މާލެސިޓީން 2،397،888 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.
މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ، ރަތް ހަނޑުލުންނަމަ 75 ރުފިޔާ، އާދައިގެ ފުށުންނަމަ 15 ރުފިޔާ، އަދި އާޓާ ފުށުންނަމަ 60 ރުފިޔާއެވެ.
ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން އެ ފުރުސަތު ހުޅުވާލާފައިވާއިރު، ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯއެވެ. އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.
ޒަކާތް ބަލައިގަތުމުގެ ކަންކަން މި މަހުގެ ހަތަކުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 ޖެހުމާހަމައަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެއެވެ. އަދި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ ޖޫން މަހުގެ ތިންވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް