ލަންކާ ބޮމުގެ ހަމަލާ އާއި ގުޅިގެން މިހާތަނަށް 106 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޕޮލިސް މީޑިއާ ސްޕޯކްސްޕާސަން ރުވާން ގުނަސޭކަރް ވިދާޅުވީ، ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި 20 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 3 މީހަކު ހައްޔަރު ކުރީ ލަންކާގެ ވެއްލަވެއްޓެ ސަރަހައްދުން ކަމަށާއި މަވާނެއްލާ، މިރިހިނާ އަދި ދެހިވަލާ އިން ވެސް މީހުން ހައްޔަރުކޮށްފައި ވާކަމަށް ރުވާން ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫއެންޑީޕީ ކޮލޮމްބޯގެ މުނިސިޕަލް ކައުންސިލަރު ނޫރައްދީން މުހައްމަދު ވަނީ 46 ކަނޑިއާއި އެކީ ލަންކާގެ ސްލޭވް އައިލެންޑުން ހައްޔަރުކޮށްފައެވެ.
ރުވާން އިތުރަށް ވިދާޅުވީ، ގޮވާ އެއްޗެއް ހުރިކަމަށް ލަފާކުރެވޭ ޕާރުސަލެއް ލަންކާގެ ކަންޑަނަ ޕޮލިސް ސްޓޭޝަން ކައިރިން ފެނުނު ކަމަށެވެ. މީގެ އިތުރުން ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މުއާމަލާތް ކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ވަނީ ލަންކާގެ މަސްކެލިޔާ ސަރަހައްދުން ފެނިފައެވެ. މީގެ ތެރޭގައި 4 ވޯކީ ޓޯކީ ގެ އިތުރުން ބައިވަރު އެހެން ތަކެތި ފެނިފައިވާ ކަމަށް ލަންކާގެ މީޑިއާތައް ބުނެއެވެ. މިތަކެއްޗާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި މަރުވި މީހުންގެ އަދަދު 253 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. މި ހަމަލާ ދިން މީހުން ބޮމުގެ ހަމަލާތައް ދިނީ އަމިއްލަ ނަފްސު ގޮއްްވާލައިގެންނެވެ. މި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް