ރިޔާޒުގެ މައްސަލައި ހެކިބަސް ދިން ފުލުހުންގެ ހެކި ބަސް ތަފާތު!

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ އަޑު އެހުމުގައި ރޭ ހެކިބަސް ދިން ފުލުހުންގެ ހެކި ބަ...

27 Apr 2017 | 03:05

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ އަޑު އެހުމުގައި ރޭ ހެކިބަސް ދިން ފުލުހުންގެ ހެކި ބަސްތަފާތުވެއްޖެ އެވެ.

އެ ދައުވާ ރިޔާޒު މައްޗަށް އުފުލީ ފޯނުގެ ޕާސްވޯޑު ފުލުހުންނަށް ނުދިނުމުންނެވެ.

ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ހަތަރު ފުލުހެއްގެ ހެކިބަސް ހުށަހަޅާފައި އެވެ. އެކަމަކު އޭގެ ތެރެއިން އެއް ފުލުހެއްގެ ހެކިބަސް ތަފާތެވެ. ހެކިބަސް ތަފާތުވެފައިވަނީ ތަހުގީގު ޓީމުގައި ހިމެނުނު ފުލހެއްގެ އެވެ.

ހެކިބަސް ދިން ފުލުހުންގެ ތެރެއިން މާވެޔޮމަހުން ރިޔާޒު ހުއްޓުވާ ގަލޮޅު ވިލީ ފުލުހަށް ގެންދިޔަ ދެ ފުލުހުންނާއި ތަހުގީގު ޓީމުގައި ހިމެނޭ އެއް ފުލުހަކު ބުނީ ރިޔާޒު ފޯނު އޮތީ ހުޅުވާފައި ކަމަށާއި ފުލުހުން އޭނާ އާއި ސުވާލު ކުރަމުން ދިޔަ އިރުވެސް އެ ފޯނަށް މީހުން ގުޅަމުންދާ ކަމަށެވެ. އެކަމަކު ހެކިބަސް ތަފާތުކޮށް ދިން ތަހުގީގު ޓީމުގެ އަނެއް ފުލުސް މީހާ ބުނެފައިވަނީ ރިޔާޒުގެ ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ.

ރިޔާޒަށް އެރޭ ދެއްކި ކޯޓު އަމުރުގައި ފޯނު ހުޅުވަން ބުނެފައި ނެތުމުން ހުޅުވަން އިންކާރު ކުރުމުން އެއީ ގާނޫނީ ކުށަކަށް ވެދާނެ ކަމަށާއި ފޯނު ހުޅުވަން އެންގިކަމަށް ތަހުގީގު ޓީމުގައި ހިމެނޭ ފުލުސް މީހާ ހެކިބަސް ދިނަސް ތަފާތުކޮށް ހެކިބަސް ދިން ފުލުސް މީހާ ބުނީ އެފަދަ އެންގުމެއް ރިޔާޒަށް ނާންގާކަމަށެވެ. އެކަމަކު އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވަނީ އެގޮތަށް ރިޔާޒަށް އެންގި ކަމަށް ބުނެފައި އެވެ.

އެ ސުވާލު ފަނޑިޔާރުންގެ ބެންޗުން ކުރެއްވުން އެ ފުލުސް މީހާ ބުނީ ބަޔާނުގަިއ އެހެން އޮތަސް އެއީ ދޮގެއް ކަމަށާއި އެގޮތަށް އަންގާފައި ނުވާނެ ކަމަށެވެ.

ރޭގެ އަޑު އެހުމުގައި ވަނީ ދަުއލަތުން ހުށަހަޅަން ބޭނުންވާ ހެކިންގެ ހެކިބަސް ނަގާ ނިމިފައި އެވެ. ދެން އޮންނާނީ ރިޔާޒުގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

އިއްޔެ ރިޔާޒުގެ މައްސަލަ މެންދުރު ފަހު 3:00 ގައި ފެށައިގެން މެދުކަނޑާލުމަށް ފަހު ރޭވެސް އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް