ކޯވިޑް-19 ގެ ކަންކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާއިން އައި އިންޑިއަން އާމީގެ މެޑިކަލް ޓީމު، އެ ޓީމުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު އެނބުރި ގޮސްފައިވާކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މިކަން އިންޑިއާގެ ދަ ހިންދޫގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އެ ޓީމު ރާއްޖެ އައީ ޓެސްޓް ލެބެއް ގާއިމް ކުރަން ކަމަށެވެ.
އެ ޓީމުގެ މަސައްކަތް ނިންމާ އިންޑިއާއަށް ދިޔަނަމަވެސް، އަވަށްޓެރި ގައުމަކުން އެހީތެރިކަމަށް އެދިއްޖެ ހާލަތަކަށް ތައްޔާރަށް އިންޑިއާގެ އާމީ މެޑިކަލް ޓީމްތަކާއި ދެ ބޯޓެއް ތައްޔާރީ ހާލަތުގައި އޮންނާނެ ކަމަށްވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އިންޑިއާގެ މެޑިކަލް ޓީމެއް ރާއްޖެއައީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. އިންޑިއާ ހައިކޮމިޝަނުން އެދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 14 ބޭފުޅުންގެ މި ޓީމުގައި އެގައުމުގެ އެކި ސަރަހައްދުތަކުގެ ސިއްހީ މާހިރުން ހިމެނޭ ކަމަށެވެ.
އިންޑިއާއިން އޭރު ބުނެފައިވާގޮތުގައި އެ ޓީމުގައި ހިމެނެނީ، ޕަލްމޮނޮލޮޖިސްޓުންނާއި (ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން)، އެނެސްތެޓިސްޓުންނާއި (ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުން) ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް