ވޯލްޑް ކަޕަށް ކޮލިފައިނުވި ނެދަލޭންޑުން ޕޯޗުގަލް ބަލިކޮށްފި

އެންމެ ފަހުން އޮތް ޔޫރޯ އަދި މި އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ވެސް ކޮލިފައި ނުވެ، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި އޮތް ނެދަލޭންޑުން، ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފިއެވެ. 3-0 ގެ ފުރިހަމ...

27 Mar 2018 | 08:11

އެންމެ ފަހުން އޮތް ޔޫރޯ އަދި މި އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ވެސް ކޮލިފައި ނުވެ، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި އޮތް ނެދަލޭންޑުން، ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފިއެވެ. 3-0 ގެ ފުރިހަމަ ކާމިޔާބީއެއް ނެދަލޭންޑުން ރޭ ހޯދިއިރު، މިއީ އެ ޓީމުގެ އާ ކޯޗު ރޮނާލްޑް ކޯމަންގެ އިރުޝާދުގެ ދަށުން ބައިނަލް އަޤްވާމީ މެޗަކުން ނެދަލޭންޑް ހޯދި ފުރަތަމަ މޮޅެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ދަށް ނަތީޖާތަކެއް ނެރުމަށްފަހު އަދި މީގެ ތިން ދުވަސް ކުރިން އިންގްލެންޑް އަތުން ބަލިވުމަށްފަހު، ރޭ ޖެނީވާގައި ކުޅުނު މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ވަނީ ނެދަލޭންޑްގެ ފަރާތުން އުންމީދީ ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފައެވެ. ކޮލިފައިންގެ ނާކާމިޔާބީއަށްފަހު އާ ކޯޗު މަސައްކަތް ކުރަމުން ގެންދަނީ ޓީމު އަލުން ބިނާ ކުރުމަށެވެ.

މެޗުގެ ކުރީކޮޅުގައި ނެދަލޭންޑަށް ގޯލު ހުޅުވާލަދިނީ ޒުވާން ތަރި މެމްޕިސް ޑިޕޭ އެވެ. ދާދި ފަހުން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެކަމަށް ބުނެފައިވާ ޑިޕޭގެ ފަރާތުން ރޭގައި މޮޅު ކުޅުމެއް ފެނުނެވެ.

މެމްޕިސް ޑިޕޭގެ ގޯލަށް ފަހު ރަޔާން ބަބެލް ނެދަލޭންޑަށް ލީޑު ފުޅާ ކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް އެވެ.

ފާއިތުވި ހަފުތާގައި ފަހު ވަގުތު ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އިޖިޕްޓް އަތުން ފަހަތުން އަރާ މޮޅުވި ޕޯޗުގަލް އިން އެ ފަދަ ގޮތަކަށް ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލަން ކުރި އުންމީދު ފަނޑުވީ 61 ވަނަ މިނިޓުގައި އެ ޓީމުގެ ޖައޯ ކަންސެލޯއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުގައި އާ ކޯޗު ކޯމަން ވަނީ ނެދަލޭންޑްގެ ކުރީގެ ތަރި ކުލައިވަޓްގެ ދަރި ޖަސްޓިން ކުލައިވަޓަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ދީފައެވެ.

9 މެޗަށް ފަހު ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ކުރިސްޓިއާނޯ ރޮނާލްޑޯއަށް ޖެހުނުއިރު، ރޭގެ މެޗަކީ މި ސީޒަންގައި ރޮނާލްޑޯއަށް ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާ ނުލެވުނު ހަމައެކަނި މެޗު ވެސްމެއެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ޕޯޗުގަލްގެ ކޯޗު ބުނީ، ޔޫރޯގެ ކުރިން ބަލްގޭރިއާ އަތުން ވެސް މިފަދަ ގޮތަކަށް ބަލިވި ކަމަށާއި، މި ބަލީގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް